ވިދާ، ގުގުރުމުގެ މައުލޫމާތު ވަގުތުން ގެނެސްދޭ (ލައިޓްނިން ޑިޓެކްޝަން ސިސްޓަމް) ނިޒާމެއް ރާއްޖޭގައި ފުރަމަތަ ފަހަރަށް ގާއިމުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ ލައިޓްނިން ޑިޓެކްޝަން ސިސްޓަމް ގާއިމުކުރީ ޗައިނީސް އެކަޑެމީ އޮފް ސައިންގެ ދަށުން ހިނގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިން އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގުޅިގެން ކަމަށެވެ.

އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި ގަން އިންޓަނޭޝަނަލް އެއަޕޯޓްގައި ވަނީ ލޯންގްރޭންޖް ލައިޓްނިން ޑިޓެކްޝަން އިކްއިޕްމެންޓް ބަހައްޓައިފައެވެ.

އެ ނިޒާމު ރާއްޖޭގެ ސަރަހައްދީ ވިއުގައާ ގުޅާލުމުން ރާއްޖެ އާއި ރާއްޖޭގެ ވަށައިގެން

ވާ ސަރަހައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެއެވެ. އަދި އެ ވިއުގަ އިތުރަށް ތަރައްގީ ކުރުމަށް ޝޯޓްރޭންޖް ލައިޓްނިން ޑިޓެކްޝަން އިކްއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ ކަމަށްވެސް އެންވަޔަރަމަންޓުން ބުންޏެވެ.

ވިދާ، ގުގުރައި ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނައިން ހަލާކުވަނީ އިލެކްޓްރިކް އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލާތްތަކެވެ. ބައެއްފަހަރު އެހެނިހެން ތަކެއްޗަށާއި މުދަލާއި ފުރާނައަށް ބޮޑެތި ގެއްލުން ލިބިފައި އެބަހުއްޓެވެ. އޭގެއިތުރުން ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް އޭގެ އަސަރު ކުރެއެވެ.

"ލައިޓްނިން ޑިޓެކްޝަން ނެޓްވޯކް އެއްކޮށް ގާއިމުކޮށް ނިމުމުން ވިދާ ގުގުރުމުގެ އެކި މަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލައިލެވޭނެ. އަދި ވިދުވަރާ ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި ކުރިއަށް ލަފާކުރުމާއި ދުރާލާ ދެވޭ އިންޒާރުގެ ސައްހަކަން އިތުރުވެގެންދާނެ،" އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ވެސް ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ރެގިއުލޭޝަން ނަމްބަރު ތިނަކާ އެއްގޮތްވާ ގޮތުގެ މަތިން ނެރެންޖެހޭ މޫސުމީ ސަމާލު (ސިގްމެޓް) އަދި ފޯކާސްޓް (ޓްރެންޑް) ތަކުގެ އެކިޔުރެސީ ވަރަށް ބޮޑަށް މަތިވެގެން ދާނެ ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.