ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީގެ މިންވަރެއް ކައުންސިލުތަކަށް ދޭން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި ޕަސެންޓެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރުމަށްޓަކައި ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ނާރެސް ޕޯޓަލާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުތަކަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ބައެއް ކަމަށާއި ކައުންސިލުތަކަށް ރައްޔިތުންނާ ގާތުން ހިދުމަތް ކުރެވޭނީ ސަރުކާރުން ކައުންސިލުތައް ބާރުވެރިކުރުވައިގެން ކަމަށެވެ.
ކައުންސިލުތައް ބާރުވެރިކުރުވައި ކައުންސިލުތަކުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހި ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލުތަކަށް ބޭނުންވާ މުހިއްމު ހުރިހާ ކަމެއް މަގުފަހިކޮށް އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ކަައުންސިލުތަކުން ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމަށް ފަސޭހަވާނެ ގޮތްތައް ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އިއުލާނުކޮށްފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލާއި މިކަންކަން ކުރުމާއެކީގައި، ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް މި ލިބޭ އާމްދަނީގެ ތެރެއިން ވަކި އިންސައްތައެއް ކައުންސިލުތަކުގެ ބަޖެޓަށް ޖަމާކުރާ ގޮތަށް އެ ނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލަސްތަކެއް ނުވެ ތަންފީޒުކުރަން ފަށާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އިއުލާނުކޮށް އަދި އަމަލުކުރަން ފަށާފައިވާ ގަވާއިދުގެ ތެރެއިން އެކިއެކި ފަޅުރަށްތައް ހޯދައިގެން މެދުރާސްތާގެ ޕްލޭނެއްގެ ތެރެއިން، ކަނޑައެޅޭ މަސައްކަތްތަކެއް ކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށެވެ އަދި އިހުތިސާސުގައި ފަޅު ރަށް ނެތް ކައުންސިލުތަކަށް އެހެން ހިސާބުތަކުން ފަޅު ރަށް ހޯދައިގެން އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުމަށް މިހާރުވެސް ކައުންސިލުތަކަށް ރަށްތައް ހޯދުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު