އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން ޖެހޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައިސީޖޭން އިއްޔެ ނެރުނު ލަފާގައި ވަނީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ފަލަސްތީނުގެ ބިންތަކުގައި ވެރިވެގަތުމުގެ ހުރިހާ ހަރަކާތެއް އިޒްރޭލުން މިހާރުން މިހާރަށް ހުއްޓާލައި, ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ މީހުން އެ ތަންތަން ދޫކޮށް ދާންޖެހޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާއި އަމަލުކުރަމުންދާ ގޮތްތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގަމުންދާ އަމަލުތަކެއް ކަމަށާއި އެކަންކަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށްވެސް އައިސީޖޭން ނެރުނު ލަފާގައިވެއެވެ.

އައިސީޖޭން އިއްޔެ ނެރުނު ލަފާއަށް މަރުހަބާ ދަންނަވައި ރައީސް ޑރ. މުއިއްޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ގަވާއިދާ ހިލާފަށް ދެމިތިބުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި އެ ނިންމުމަކީ ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެއްދުމަށް އެ ގައުުމުގެ ރައްޔިތުން ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް އިޒްރޭލުން ވަޒަންވެރިކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށް އަދި އިޒްރޭލުގެ ނާއިންސާފު އަމަލުތަކާއި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ގޮވާލަން،" ރައީސް ވިދާޅުވިއެވެ.

އައިސީޖޭން ނެރުނު ލަފައާ އެކު އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިތުރަށް އާވެގެން ގޮސްފި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށެވެ. އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

މީގެ އިތުރުން އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ސަރުކާރުން ވަނީ ނިންމައި މަޖިލީހަށް ހުށަހަޅަން ނިންމައިފައެވެ.