މިފްކޯގެ އިސްވެރިންގެ މުސާރަ ކުޑަކުރުމަށާއި ޕާފޯމަންސް ދަށް މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް ސޮއިކުރައްވައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި މެމޯގައި ބުނީ ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ "މިފްކޯ އެފިޝަންސީ އެކްސަސައިޒް"ގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ.

  • މިފްކޯގެ ސީއީއޯ އިން ފެށިގެން ސީނިއާ މެނޭޖަރު ރޭންކުގައި ތިބި ފަރާތްތަކުގެ އަސާސީ މުސާރައިން 20 ޕަސެންޓް ކުޑަކުރުން
  • މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމަށްޓަކައި އޮނިގަނޑަށް ހާމަނައިޒް ކުރުން
  • މަސައްކަތުގެ ޕާފޯމަންސްއަށް ބަލާ ވަޒީފާ އިން ވަކިކުރަންޖެހޭ މުވައްޒަފުން ވަކިކުރުން
  • ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ތެރެއިން ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މީހުން ވަކިކުރުން
  • 65 އަހަރުވުމަށް ފަހު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް ތިން މަހުގެ ނޯޓިސް ދިނުމަށްފަހު ވަކިކުރުމާއި ހާއްސަ ހާލަތްތަކުގައި މެނުވީ ކޮންޓްރެކްޓް މުވައްޒަފުން ނުނެގުން
  • އެލަވަންސް ދިނުމުގެ އުސޫލަށް އިސްލާހު ގެނައުމަށްޓަކައި ޑެޕިއުޓީ ހެޑް އެލަވަންސާއި އިންޖީނިއަރިން އެލަވަންސާއި ކޭން ޕްރޮޑަކްޝަން އެލަވަންސާއި ރިސްކް އެލަވަންސް އަދި ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުން
  • ވިލިމާލެ ފެރީ އެލަވަންސް ފިޔަވައި އެހެން ހުރިހާ ފެރީ އެލަވަންސްތަކެއް ދިނުން ހުއްޓާލުން
  • ޕްރޮފެޝަނަލް އެލަވަންސް އެމްކިޔުއޭ ލެވެލް 5 އިން ފެށިގެން މަތީގެ ސެޓްފިކެޓްތަކަށް ދިނުން
  • ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މީހުންގެ ކޮންޓްރެކްޓް މި މަހުގެ ފަހުން އާ ނުކުރުން.
  • އިތުރު ގަޑީގައި ކޮންމެ މަސައްކަތްކުރަން ޖެހިގެން ނޫނީ މަސައްކަތް ނުކުރުވުން
  • ގެންނަ ބަދަލުތަކާއެކު ވަޒީފާ އިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ ޕެކޭޖަކާ އެކު ވަކިވުމުގެ ފުރުސަތު ދޭން ހުޅުވާލުން

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) މިރޭ މީޑިއާތަކަށް ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މައްސަލަތައް ދެނެގަނެ އިސްރާފު ކުޑަކުރުމަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

"މި ބަދަލުތަކުގެ ސަބަބުން އެއްވެސް އާދައިގެ މުވައްޒަފެއްގެ މުސާރައިން އުނިކުރުމެއް ނެތް. ޖެނެރަލް މެނޭޖަރާއި ސީނިއާ މެނޭޖުމަންޓް ލެވަލް އިން އެކަން ކުރަނީ. މީގައި ޝަކުވާއެއް އޮތަސް އޮންނާނީ އެ ލެވެލްގައި. މިކަމުގައި އެއްވެސް އޮޅުވާލުމެއް މި ކުންފުނިން ނުގެންގުޅޭނެ،" އޭނާ ވިދާޅުވިއެވެ.