އުރީދޫ މަސްރޭސް 2024 މި އަހަރު ރާއްޖޭގެ ތިން ރަށެއްގައި ބާއްވަން ނިންމައިފިއެވެ.

އުރީދޫން ބުނީ އުރީދޫ މޯލްޑިވްސްގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް އަންނަ މަހު ބާއްވަން ހަމަޖެހިފައިވާއިރު، އެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރާތަށް ކަމަށެވެ.

"އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައި" އުރީދޫން ބުންޏެވެ.

ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެއް ކަމަށް އުރީދޫން ބުނެއެވެ. ކ. ހިންމަފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސް އިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ގުޅިގެން އުރީދޫ މަސްރޭސް 2024 އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

"އުރީދޫ މަސްރޭސް 2024 އިންތިޒާމް ކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގައި 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނާއެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

  • ޖުމްލަ 126،000 ރުފިޔާގެ އިނާމު
  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • 3 ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
  • އެންމެ މޮޅު ފިޝާވުމަން: 1000 ރުފިޔާ

އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ މަސްރޭސް އިންތިޒާމުކޮށް، ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫން ކުރަމުން ގެންދާ މަސައްކަތަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށެވެ.

"އަޅުގަނޑުމެންގެ މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސް 2024 ގެ ޕާޓްނަރަކަށް ވުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމައުތައް ބާރުވެރިކުރުވާ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން. މަސްރޭހަކީ މުބާރާތެއްގެ އިތުރުން އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ މަސްވެރިކަމުގެ ސަގާފަތް ދައްކުވައިދޭ ހަރަކާތެއްވެސްމެ" މުއްތަލިބު ވިދާޅުވިއެވެ.

އުރީދޫން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 24ގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެކަމަށާއި ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 - 12 މެމްބަރުން ތިބެންވާނެ ކަމަށެވެ.

އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ހިންމަފުށިން 9 އޮގަސްޓް، ތިނަދޫ ސިޓީން 16 އޮގަސްޓް އަދި

ނައިފަރުން 23 އޮގަސްޓް ގައެވެ.

އުރީދޫ މަސްރޭސް 2024 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ ކަމަށާއި 16 ޓީމަށް ވުރެ ގިނައިން ރަޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަަށާއި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫ މަސްރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ. އުރީދޫ މަސްރޭސް 2024ގައި http://ore.do/masrace އިން ރަޖިސްޓްރީ ވެވޭނެއެވެ.