މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ، އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އޮޅުން ފިލުވަން ޖެހޭ މައުލޫމާތުތައް އޮޅުންފިލުވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭނެކަން އަންގަވައިފިއެވެ. މިއީ އޭނާއަށް ދިން ފަހު ފުރުސަތެވެ.
ގަވަރުނަރު މަގާމުން ވަކިކުމުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ޖަވާބުދާރީވުމުގެ ފުރުސަތު އަލީ ހާޝިމަށް ދީފައިވެއެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީވެ، އެ ދެ ދުވަހުވެސް ކޮމިޓީއަށް ހާޒިރުވެވަޑައިނުގަންނަވައެވެ. އަދި އިއްޔެގެ ބައްދަލުވުމުގައި ފަހު ފުރުސަތު ދިނުމަށް ވެސް ފާސްކޮށްފައިވެއެވެ.
މިހާރު ކުރިއަށްދާ އެ ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ހާޝިމް މިއަދު ވެސް ކޮމިޓީއަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އެ ކޮމެޓީއަށް ސިޓީއަކުން އަންގަވާފައިވާ ކަމަށެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ހާޝިމް މިއަދު ވެސް ކޮމިޓީއަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އެ ކޮމެޓީއަށް ސިޓީއަކުން އަންގަވާފައިވާ ކަމަށެވެ. އިތުރު ސުވާލެއް އޮތް ނަމަވެސް ލިޔުމުން ފޮނުއްވުމަށް އޭނާ މިއަދު ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވިއެވެ.
ގާސިމް ވަނީ އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ހުށަހެޅުއްވި އެވެ. އަދި ކޮމިޓީ ސިއްރު ކުރަންވެސް ހުށަހެޅުއްވިއެވެ. ނަމަވެސް މެންބަރުން ނިންމެވީ ކޮމިޓީ ސިއްރު ނުކޮށް ކުރިއަށް ގެންދިއުމަށެވެ.
ގާސިމް ވިދާޅުވީ ތިން ދުވަސް މަތިން ކޮމިޓީ އަށް ވަޑައިގެންނެވުމަށް ފުރުސަތު ދިނުމުން ވެސް ގަވަރުނަރު ވަޑައިނުގެންނެވުމަކީ، އިގުތިސޯދީ ގޮތުން ގައުމު ވަރަށް ނާޒުކު ހާލަތެއްގައި އޮތް ދުވަސް ވަރެއްގައި ކޮމިޓީގެ މެމްބަރުން ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ގާނޫނުއަސާސީ އާއި އެމްއެމްއޭގެ ގާނޫނާ އެއްގޮތަށް ޖަވާބުދާރީވުމަށް ގަވަރުނަރަށް އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ބޭނުންކުރައްވަން އުޒުރުވެރިވެވަޑައިގެންފައިވާތީ، ގާނޫނުގައި ބަޔާންކުރާ އިޖުރާއަތް ކޮމިޓީން މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މައްސަލައާ މެދު އަވަހަށް ގޮތެއް ނިންމެވުން މުހިންމު ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިގޮތަށް ބަލަހައްޓައިގެން އެއްވެސް ކަމެއް ނުކޮށް ގަވަރުނަރާ ދޭތެރޭ މިގޮތަށް ތިބުމަކީ ގައުމީ ނަޒަރަކުން ވިސްނާ އިރު ވަރަށް ދެރަ ގޮތެއް ދިމާވެދާނެ މައްސަލައެކޭ. މި ހުށަހެޅި ހުށަހެޅުމުގައި ބުނެފައި މިއޮތީ އަޅުގަނޑުމެން ބޭނުމޭ އިތުރު ތާޒާކަމާއި އާރޯކަން އެތަނުގެ ލީޑާޝިޕަށް ގެންނަން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ގަވަރުނަރު ވަކިކުރުމަށް މިއަދު ނިންމެވުމަށް ހުށަހަޅުއްވައިފައެވެ. އަދި ވިދާޅުވީ ގަވަރުނަރާ އެކު ކުރިއަށްދާން ނުފެންނަ ކަމަށެވެ. އަދި އާ ގަވަރުނަރަކު އައްޔަނުކޮށްގެން، ގައުމުގެ މުހިންމު ކަންކަން ގަވަރުނަރުގެ ސަމާލުކަމަށް ގެނެސްގެން، ގައުމުގެ ހާލަތު ރަނގަޅުކޮށް އިގުތިސޯދު ކޮޅަށް ޖަހަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި އާ ލީޑާޝިޕެއް ދައްކުވައިދޭނެ ބޭފުޅަކު ގެނައުމަށްޓަކައި ގަވަރުނަރު ވަކި ކުރަން ބާރު އަޅުއްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވީ، ފިޔަވަޅުތައް އަޅަން ލަފާ ދެއްވި ކަމަށް އަލީ ހާޝިމް މަޖިލީހަށް ފޮނުއްވި ރިޕޯޓެއްގައި ވިދާޅުވިޔަސް، އެ ލަފާތަކަށް އަމަލުނުކުރުމުން ގަވަރުނަރު އަޅާނުލައްވައި ހުންނެވުމަކީ ގަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށެވެ.
"އެހެންވީމާ، އަޅުގަނޑު ހުށަހަޅަން މިއަދުން މިއަދަށް ވެސް އެ މަގާމުން ވަކިކޮށް، އެ ކަމަށް ގާބިލު މީހަކު އެތަނަށް އަށް ލާން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭން،" ސަލީމް ވިދާޅުވިއެވެ.
ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމަށް މެންބަރު ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުالله އެވެ.
ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމަށް ކޮމިޓީން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގައި މިއަދު ތިއްބެވީ އަށް މެންބަރުންނެވެ.
އެމްއެމްއޭ ގާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުމަކީ މަޖިލީހަށް ކުރެވޭނެ ކަމެކެވެ. މިކަމާ މެދު އެންމެ ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހަޅައިގެން ނަގާ ވޯޓަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު