މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ، އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އޮޅުން ފިލުވަން ޖެހޭ މައުލޫމާތުތައް އޮޅުންފިލުވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭނެކަން އަންގަވައިފިއެވެ.
އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމްހޫރއިްޔާއަށް ލަފާ އެރުވުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެ މައްސަލަ މަޖިލީހުގެ ރައީސަށް ފޮނުވުމުން އެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެކަމުގައި ޖަވާބުދާރީންވެވަޑައިގަންނަވާން ގަވަރުނަރަށް ފުރުސަތު ދިނުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކޮށް، އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް މަޖިލިސް ތަޅުމުން ފާސްކޮށް އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވިއެވެ.
އެހެންކަމުން އެ މައްސަލައަށް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހު، ގަވަރުނަރު އަލީ ހާޝިމް، ދައުލަތުގެ މާލީ ކަންކަމުގައި ފިނޭންސް މިނިސްޓްރީން އެދުނު ލަފައެއް ނުދީ އޮތްތޯ އާއި އެ މިނިސްޓްރީއަށް އެއްބާރުލުން ދީފައިވޭތޯ ބެލުމަށްޓަކައި ގަވަރުނަރު ކޮމިޓީއަށް ހާޒިރުކުރަން ފާސްކުރިއެވެ.
އެއީ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިގެންނެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
ގަވަރުނަރު ހާޒިރުކޮށްގެން ކުރިއަށް ގެންދަން އޮތް ކޮމިޓީ ބައްދަލުވުން އެންމެ ފުރަތަމަ ތާވަލްކުރީ އިއްޔެގެ 11:00 އަށެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ ކޮމިޓީއަށް ވަޑައިނުގަންނަވައެވެ. އެހެންވެ މިއަދުގެ 11:00 އަށް އަލުން ކޮމިޓީ ބައްދަލުވުން ތާވަލުކުރިއެވެ.
ކޮމިޓީ ބައްދަލުވުން ފެއްޓެވުމަށްފަހު ކޮމިޓީގެ މުގައްރިރު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ވެސް ވަޑައިގެންނެވެން ނެތް ކަމަށް ގަވަރުނަރު އަންގަވާފައިވާ ކަމަށެވެ. އަދި އޭނާ ހުންނެވީ ދެ ދުވަހެއްގެ މެޑިކަލް ލީވްއެއްގައި ކަމަށް ވެސް އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ސަޖެޝަން އެއް އެބައޮތް. ތިން ވަނަ ދުވަހެއް، މާދަމާ އަނެއްކާ ވެސް އަޅުގަނޑުމެން 11:00އަށް ދަންނަވާފައި، ދެން ވަޑައިގަނެއްޖިއްޔާމު ނުވަތަ ވަޑައިނުގެންނެވިއްޖެއްޔާ ރިޕޯޓުގެ މައްޗަށް ބަލާފައި އަޅުގަނޑުމެން ގޮތެއް ނިންމުން ކިހިނެއްތޯ؟ އެގޮތަށް ކުރިއަށް ގެންދިއުން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މި މައްސަލަ މިހާރުވެސް ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށެވެ. އެހެންކަމުން މާދަމާ 11:00 އަށް ހާޒިރުވާން ގަވަރުނަރަށް އަންގަވާނެ ކަމަށާއި މިއީ ފަހު ފުރުސަތު ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު