ކެންޔާ މީހަކު އެކި ފަހަރުމަތިން 42 އަންހެނަކު މަރާލި ކަމަށް އެއްބަސްވެއްޖެއެވެ.

ކެންޔާގެ ކަމާބެހޭ އިދާރާތަކުން ހިންގި ތަހުގީގަކަށް ފަހު އުމުރުން 33 އަހަރުގެ ކޮލިންސް ޖުމައިސީ ނަމަކަށް ކިޔާ އެ މީހާ ވަނީ އޭނާ ވޭތުވެދިޔަ ދެ އަހަރު ތެރޭ 42 އަންހެނަކު މަރާލައި ހަށިގަނޑު ނައްތާލާފައިވާކަމަށް ބުނެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ކޮލިންސް މިހާތަނަށް މަރާލި އަންހެނުންގެ ތެރެއިން ހަށިގަނޑު ފެނިފައިވަނީ ނުވަ މީހެއްގެއެވެ.

ކެންޔާގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގި ތަހުގީގަށްފަހު ކޮލިންސް ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ކުރިޔަށްދިޔަ ޔޫރޯގެ ފައިނަލް މެޗު ބެލުމަށް ފަހު ވެރިރަށް ނައިރޯބީގެ ސޮވެޓޯގައި ހުންނަ ކްލަބަކުން ނިކުތް ވަގުތުއެވެ.

ކެންޔާގެ ޑިރެކްޓަރު އޮފް ކްރިމިނަލް އިންވެސްޓިގޭޝަން އިން ބުނެފައިވާ ގޮތުގައި، ކޮލިންސް ހައްޔަރުކޮށް އޭނާއާއި ސުވާލު ކުރުމުން، 2022 ވަނަ އަހަރުން ފެށިގެން 42 އަންހެނަކު މަރާލާފައިވާނެ ކަމަށް އެއްބަސްވެފައިވެއެވެ. އަދި ކޮލިންސް ވަނީ މަރާލި ބައެއް މީހުންގެ ހަށިގަނޑު ނައްތާލާފައިވާ ތަންތަން ފުލުހުންނަށް ކިޔައިދީފައެވެ.