ނޭޕާލްގެ އާ ބޮޑުވަޒީރު، ކޭ.ޕީ ޝަރްމާ އޮލީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ނޭޕާލްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޕުޝްޕާ ކަމާލް ދަހަލްގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހުކުރު ދުވަހު ފާސްކުރުމުން ބޮޑުވަޒީރު ކަމަށް އިންތިހާބުކުރި ޝަރްމާއަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.

ޝަރްމާއަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާއި ނޭޕާލަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝަރްމާގެ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނޭޕާލުން 239 އަހަރުވީ ރަސްކަމުގެ ނިޒާމު 2008 ވަނަ އަހަރު އުވާލުމުން އެ ގައުމު ހިންގަމުން އައީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. އެގޮތުން އަލަށް އެކުލަވާލި ޝަރްމާގެ ސަރުކާރަކީ 2008ގެ ފަހުން އެ ގައުމުގައި އެކުލަވައިލި 14 ވަނަ ސަރުކާރެވެ.