ހުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ގައުމީ ހިދުމަތްތެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޯޒެން ރިޒާވް ކ. ބޮލިފުށީގެ ވެރިޔާ ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) ކުއްލިގޮތަކަށް އިއްޔެ ވަނީ އަވަހާރަވެފައެވެ. ޝަރީފަކީ ބޮލިފުށި ރިސޯޓް ހިންގެވުމުގެ އިތުރުން ވެސް ގިނަ ވިޔަފާރިތަކުގައި އުޅުއްވާ ބޭފުޅެކެވެ. އަދި މާލޭގެ ވަރަށް ގިނަ މިސްކިތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ބޭފުޅެކެވެ.

ހުސައިން ޝަރީފް އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ދަންނަވައި ރައީސް ޑރ. މުއިއްޒުގެ މިއަދުގެ އެކްސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުސައިން ޝަރީފަކީ މިސްކިތް ބިނާކުރެއްވުމާއި ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިހްސާންތެރި ބޭފުޅެއް ކަމަށެވެ.

"ހުސައިން ޝަރީފް ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރަމެވެ. ސުވަރުގޭގެ ދާއިމީ ނިއުމަތުގައި، މާތްﷲގެ ތަނަވަސްވެގެންވާ ރަހުމަތާއި ނިއުމަތުގައި މަރުހޫމް ހުސައިން ޝަރީފް ލަހައްޓަވާށިއެވެ،" ރައީސް ވިދާޅުވިއެވެ.

އުމުރުން 64 އަހަރުގެ ހުސައިން ޝަރީފަކީ 1994 ގައި އުފައްދާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ.

ހުސައިން ޝަރީފަކީ ބޮލިފުށި ރިސޯޓް ހިންގެވުމުގެ އިތުރުން ވެސް އެކި ވިޔަފާރިތަކުގައި އުޅުއްވާ ބޭފުޅެކެވެ.

އޭނާ އަކީ މާލޭގެ ވަރަށް ގިނަ މިސްކިތްތަކަށް އެކި ގޮތްގޮތުން އެހީތެރިވާ ބޭފުޅެވެ. އެގޮތުން ސޯސަން މަގުގައި ހުންނަ އިބްރާހިމް މިސްކިތަކީ ވެސް ހުސައިން ޝަރީފްގެ ހަރަދުގައި ބިނާކޮށްފައިވާ ތަނެކެވެ.