އެމެރިކާގެ ރިޔާސީ ރޭހުގެ އެއް ކެންޑިޑޭޓް އަދި އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެންސިލްވޭނިއާގައި ސަޕޯޓަރުންނާ އެކު ބޭއްވި ރެލީއެއްގެ ތެރޭގައި ބަޑިޖަހައިގެން ދިން ހަމަލާގައި އެ މަނިކުފާނު ޒަހަމްކޮށްލާފައިވާތީ އެކަން ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ހަމަނުޖެހުންތަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އެ ފަދަ ހުރިހާ ކަމެއް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހެޔޮ އެދުންތައް އޮތީ ކުރީގެ ރައީސް ޑޯނަލްޑް ޓްރަމްޕް އާއި އެ މަނިކުފާނުގެ އާއިލާގެ އިތުރުން ހަމަލާގައި ޒަހަމްވި އެހެން މީހުންނާ އެކު" ރައީސް ވިދާޅުވިއެވެ.
ބަޑީގެ ހަމަލާއިން ޓްރަންޕް ސަލާމަތްވެވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނުގެ ކަންފަތަށް ވަނީ ވަޒަން އަރައިފައެވެ.
ވީޑިއޯއިން ފެންނަ ގޮތުން ޓްރަމްޕްގެ ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަނިކޮށް ދެ ފަހަރަކު ބަޑިޖަހާ އަޑު އިވެއެވެ. އެއާ އެކު ޓްރަމްޕު ޕޯޑިއަމް ތިރިއަށް ވެއްޓޭތަން ފެނެއެވެ. ޓްރަމްޕް ވެއްޓުމާ އެކު ބޮޑީގާޑުން ޓްރަމްޕް ވަށާލައި ކޮޅަށް ތެދުކޮށް އެ ސަރަހައްދުން ނެރެގެން ގެންދާތަން ފެނެއެވެ.
ހަމަލާއަށްފަހު ޓްރަމްޕްގެ ކަނާތު ކަންފަތާ ދިމާލުން ލޭ ފެންނަން ހުރެއެވެ.
މި ރެލީގައި ޓްރަމްޕަށް ހަމަލާ ދީފައިވަނީ ރެލީ ކުރިޔަށްދިޔަ ސަރަހައްދާ ދިމާލުގައި ހުރި ފުރާޅެއްގެ މަތީ ހުރެގެން ކަމަށް އޮފިޝަލުން ބުނެއެވެ. އެމެރިކާގެ ސީކްރެޓް ސާވިސްއިން ވަނީ އެމީހާ މަރާލައިފައެވެ.
ރެލީގައި ބައިވެރިވި ޓްރަމްޕުގެ ސަޕޯޓަރަކު މި ހާދިސާގައި މަރުވެފައިވާ އިރު، އެ ސަރަހައްދުގައި ތިބި އިތުރު ދެމީހަކަށް އަނިޔާވެފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހާދިސާ ހިނގުމާއެކު އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ މިއީ ހިނގައިގެން ވާނޭ ކަމެއް ނޫން ކަމަށާއި މިފަދަ ކަންކަމުން ދުރުވެ އެމެރިކާ އެކަތިގަނޑަކަށް ވާން ޖެހޭކަމަށް ވިދާޅުވެފައެވެ.
ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ އެމެރިކާގެ އެޕްބީއައި އިން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު