އީރާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މި މަހުގެ ފަސް ވަނަ ދުވަހު ޑރ. މަސްއޫދު ޕަޒިޝްކިޔާން ވަނީ ކާމިޔާބު ކުރައްވައިފައެވެ. ހަރުކަށި ފިކުރުގެ ކެންޑިޑޭޓް ސައީދު ޖަލީލީއާ ވާދަކުރައްވައި އިސްލާހީ ފިކުރުގެ ޕަޒިޝްކިޔާން ކުރިހޯއްދެވީ ގާތްގަނޑަކަށް ސަތާރަ މިލިޔަން ވޯޓު ހޯއްދަވައިގެންނެވެ. ޖަލީލީއަށް ލިބިވަޑައިގަތީ ތޭރަ މިލިޔަން ވޯޓެވެ. އިންތިޚާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އިތުރެވެ. ގާތްގަނޑަކަށް ފަންސާސް އިންސައްތަ މީހުން ވޯޓުލާން ނުކުމެފައިވެއެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ޕަޒިޝްކިޔާން ވިދާޅުވެފައިވަނީ އޭނާ ޚިދުމަތް ކުރައްވާނީ އެއްވެސް ބަޔަކު އިސްތިސްނާ ކުރެއްވުމެއްނެތި އެންމެނަށް ކަމުގައެވެ. ވެރިރަށް ތެހެރާނުގައި ވާހަކަފުޅު ދައްކަވަމުން ޕަޒިޝްކިޔާން ވިދާޅުވީ އީރާނުގެ ތާރީޚުގައި މިފެށުނީ މުޅިން އައު ބާބެއް ކަމުގައެވެ.

އީރާނުގެ ރައްޔިތުންނަށް އަމާން އޮމާން ފާގަތި ދިރިއުޅުމެއް ހޯދާދިނުމުގެ މަސައްކަތުގައި ކުރިއަށްއޮތީ ވަރަށް ގޮންޖެހުންބޮޑު ދުވަސްތަކެއް ކަމަށްވެސް ވިދާޅުވިއެވެ. މިފެށުނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާނުލައި ފާސްވުމެއްނެތް އިމްތިހާނެއް ކަމަށްވެސް އައު ރައީސް ސިފަކުރެއްވިއެވެ. ޑރ. ޕަޒިޝްކިޔާނާ ވާދަކުރައްވައި މިފަހަރު ނާކާމިޔާބީ ކުރިމަތިވެވަޑައިގެންނެވި ސައީދު ޖަލީލީ ވަނީ ނަތީޖާ ގަބޫލުކުރައްވައި އައު ރައީސަށް ތަހުނިޔާ ވިދާޅުވެފައެވެ. އީރާނުގެ ރައްޔިތުންގެ ނިންމުމަށް ހަމަކޮންމެ މީހަކުވެސް އިހުތިރާމް ކުރުމަށް އޭނާ އެދިވަޑައިގަތެވެ. އެންމެން އެކަތިގަނޑަކަށްވެ އައު ރައީސަށް އެއްބާރުލުން ދީގެން ގައުމާއިގެން ކުރިއަށް ދިއުމުގެ ވިސްނުން އިސްކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ރަޝިޔާ އާއި ޗައިނާފަދަ ގައުމުތަކުން ޑރ. ޕަޒިޝްކިޔާނަށް ތަހުނިޔާ ކިޔާފައިވާއިރު ހުޅަނގުގެ ގައުމުތަކުގެ ވެރިން ތިއްބެވީ ހިމޭނުންނެވެ.

އައު ރައީސް ޕަޒިޝްކިޔާން މަގާމުގެ ހުވާކުރައްވައި ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގެއެވެ. އީރާނުގެ ގާނޫނުއަސާސީގައި ބުނާގޮތުން ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ޖެހެނީ އިންތިޚާބުވެވަޑައިގަންނަވާތާ ތިރީސް ދުވަހުގެ ތެރޭގައެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ވަރަށް ގިނަ އިޖުރާއަތްތަކެއް ފުރިހަމަކުރުން ލާޒިމެވެ. ޑރ. ޕަޒިޝްކިޔާނަކީ މިވަގުތުވެސް ޕާލަމެންޓުގެ މެންބަރެކެވެ. އޭނާ ފުރުއްވަމުން ގެންދަވަނީ އުތުރުގެ ސިޓީއެއްކަމަށްވާ ތަބްރީޒުގެ ގޮނޑިއެކެވެ. އެ ގޮނޑިން އިސްތިއުފާ ދެއްވަންޖެހެއެވެ. ޕާލަމަންޓުގެ ގޮނޑިން އިސްތިއުފާ ދެއްވީމާ އެ އިސްތިއުފާ ގަބޫލުކުރުމާމެދު ޕާލަމަންޓުގައި ވޯޓެއްވެސް ނަގާނެއެވެ. އެއަށްފަހު ޚާއްސަ ރަސްމިއްޔާތެއް ބާއްވައި އައު ރައީސަށް އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީގެ ރުހުންއޮތްކަން ހާމަކުރުން އޮންނާނެއެވެ. އެހިސާބުން އަދި ނުނިމޭނެއެވެ. ރަސްމީކޮށް މަގާމުގެ ހުވައި ކުރައްވައި ރިޔާސަތާ ހަވާލުވެވަޑައިގަތުން އޮންނާނީ ޕާލަމަންޓުގައެވެ. އެހެންވީމާ އެންމެފަހުގެ ކަމަކީ ޕާލަމެންޓުގެ ޚާއްސަ ޖަލްސާއެއް ބާއްވައި ރައީސްކަމުގެ ހުވައިކުރެއްވުމެވެ.

ޑރ. ޕަޒިޝްކިޔާނަކީ އިސްލާހީ ފިކުރުގެ ބޭފުޅަކަށްވުމުން ރޫހީ ލީޑަރު ޚާމަނާއީގެ މާބޮޑު ތާއީދެއް އޭނާއަށް ނެތްކަމަށް ވަނީ ހީކުރެވިފައެވެ. ހޮނިހިރު ދުވަހު ޕަޒިޝްކިޔާނު ދެއްވި ތަގުރީރުގައި ތަކުރާރުކޮށް ޚާމަނާއީއަށް ތައުރީފު ކުރައްވައި އީރާނުގެ އިސްލާމީ ނިޒާމު ދެމެހެއްޓުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވީ މި ދެބޭފުޅުންގެ މެދުގައި އަރައިރުންތަކެއް ނެތްކަން ދެއްކެވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. މި ތަގުރީރެއް އޭނާ ދެއްވީވެސް އީރާނުގެ އިސްލާމީ އިންގިލާބުގެ ބާނީ އާޔަތު ﷲ ޚުމައިނީގެ ޒިޔާރަތުގެ ކައިރީގައެވެ. ވަރަށް ސާފުކޮށް އޭނާ ވިދާޅުވިއެވެ. ތިމަންނާއަކީ ހަމައެކަނި އިސްލާހީ ފިކުރުގެ މީހުންގެ ރައީސެއް ނޫނެވެ. އިސްލާހީ ފިކުރަކަސް ހަރުކަށި ފިކުރަކަސް އަދި އެނޫން ފިކުރަކަސް ހަމައެންމެންގެ ރައީސެވެ. ކުރިއަށް ވަޑައިގަންނަވާނީ އެންމެންގެ އަޑުވެސް އައްސަވައި އެންމެނާއެކުގައެވެ. އެންމެ އިސް މަސްލަހަތަކީ ގައުމުގެ މަސްލަހަތުކަން ފާހަގަކުރައްވައި ބައިބައިވުމަށް ޖާގަ ނުދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އިންތިޚާބު އެއޮތީ ނިމިފައެވެ. ގިނަބަޔަކު އެވަނީ އިސްލާހީ ފިކުރުގެ ބޭފުޅަކު ބަލައިގެންފައެވެ. މީގެ މާނައަކީ ކޮބައިބާވައެވެ. އޭގެ މާނަޔަކީ މި ނަތީޖާއާ ދޭތެރޭ ހަރުކަށި ފިކުރުގެ މީހުންވެސް ހޭއަރައި މުރަނަކަން ދޫކޮށްލަން މަޖުބޫރުވުމެވެ. ޚާއްސަކޮށް އައު ރައީސަށް އެއްބާރުލުން ދޭން ޕާލަމެންޓަށްވެސް މަޖުބޫރުވުމެވެ. އައު ރައީސްގެ އިސްލާހީ ކަންކަމަށް ހުރަސްއެޅުއްވުމުގެ ވިސްނުން ދޫކޮށްލައްވަން ރޫހީ ލީޑަރު ޚާމަނާއީއަށްވެސް މަޖުބޫރުވެވަޑައިގަތުމެވެ. އެކަންކަން މަޖުބޫރުވަނީ ރައްޔިތުންނަށްޓަކައެވެ. ރައްޔިތުން ތިބިގޮތް އެނގިތިބެމެ ހަރުކަށިކަން ދޫނުކުރަންޏާ ދެންވާނެގޮތްވެސް ސާފެވެ. ރައްޔިތުން ވޯޓުލާކަށް ނުނިކުންނާނެއެވެ. އެއީ އެމީހުން ހިމޭންކަންމަތީގައި ކުރިއަށް ގެންދާ އިހުތިޖާޖެކެވެ. މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނުކުތީ ހައްގު ލިބިފައިވާ މީހުންގެ އެންމެ ސާޅީސް އިންސައްތަ މީހުންނެވެ. މިއީ ރިކޯޑް ދަށްވުމެކެވެ. ފަހު ބުރުގައި އިތުރު ދިހަ ޕަސަންޓް މީހުން ވޯޓުލާން ނުކުތީ ޕަޒިޝްކިޔާން ހޮވުމަށް ބާރުދިނުމުގެ ގޮތުންނެވެ.

ގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި އެންމެ މުހިންމު ކަމަކަށްއޮތީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ހޯދުމެވެ. އެކަމުގެ ތަޅުދަނޑިއަކީ ޚާރިޖީ ސިޔާސަތު އިސްލާހު ކުރުމެވެ. އެ ސިޔާސަތު އިސްލާހު ކުރުމުގައި ރައީސްގެ ބާރަކީ އެންމެ ބޮޑު ބާރެއް ނޫނެވެ. އެކަންކުރެވޭނީ ރޫހީ ލީޑަރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. މި އެއްބާރުލުން ނުލިބި ހަރުކަށި ފިކުރުގެ މީހުންނަކީ އިސްލާހަށް ހުރަސްއަޅާ ބަޔަކަށް ވެއްޖެނަމަ މުޅި ނިޒާމާދޭތެރޭ ރައްޔިތުންގެ ފޫހިކަންވާނީ އިތުރެވެ. ވޯޓުލާ މީހުންގެ އަދަދު ދާނީ ދަށަށެވެ. އަދަދު ދަށްވާވަރަކަށް ވެރިކަމުގެ ސައްހަކަމާއި ގާނޫނީ ހައިސިއްޔަތާމެދު ސުވާލުތައް ގިނަވާނެއެވެ. އެއީ ހަރުކަށި ފިކުރުގެ މީހުންވެސް ތަޖުރިބާކުރަން ބޭނުންވާ ކަމެއް ނޫނެވެ. މިކަންކަން މިހެން ހުރީމާ ބޮޑަށް ބެލެވެނީ އައު ރައީސް ޕަޒިޝްކިޔާނުގެ އައު ދައުރުގައި އިސްލާހީ ފިކުރާއި ހަރުކަށި ފިކުރުވެސް މަސައްކަތްކުރާނީ ގައުމީ މަސްލަހަތަށް ރިއާޔަތްކޮށް މެދުމިން މިންގަޑެއްގައި ހިފަހައްޓައިގެން ކަމުގައެވެ.