ލ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓް ތަރައްގީ ކުރުމަށް ދުބާއީ ކުންފުންޏަކަށް އެވޯޑް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހައިގައި ރޭ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ޗައިނާގެ ކުންފުންޏަކުން މިހާރުވެސް ލ. ބަރެސްދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ރިސޯޓް ހަދަން މިދިޔަ މެއި މަހުގެ ތެރޭގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ލ. އަތޮޅުގެ ތިން ރަށަށް ދުބާއީގެ ކުންފުންޏަކުން ޕްރޮޕޯސަލް ލިބި، އެ ކުންފުންޏަށް އެ ތިން ރަށް އެވޯޑް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އޭގެ ތެރެއިން އެއް ރަށަށް އެ ބޭފުޅުން ވަނީ މީރާއަށް ލާރި ދައްކާފައި. މި މަސް ތެރޭގައި ދެން އޮތް ދެ ރަށަށްވެސް ލާރި ދައްކައި، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެ ބޭފުޅުން އެތަނުގެ އަމަލީ މަސައްކަތް ފަށާނެ،" ފައިސަލް ވިދާޅުވިއެވެ.

އެއީ ކޮން ތިން ރަށެއްކަން ޖަލްސާގައި ވިދާޅުނުވި ނަމަވެސް އެ ތިން ރަށަކީ ލ. ކަށިދޫ އާއި އެ އަތޮޅު ބޮނޑުފުންޏަފުއްޓާއި ހަންހުށިކަން މިނިސްޓަރު ވަނީ "ވަން" އަށް މިއަދު ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އެ ރަށް ދިން ކުންފުންޏާއި ދިން އަގު ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރިސޯޓް ހަދަން މިދިޔަ މެއި މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ކަށިދޫގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 466،500 އެމެރިކާ ޑޮލަރެވެ. ބޮނޑުފުންޏަފުށީގެ ފީއަކީ 471،000 އެމެރިކާ ޑޮލަރެވެ. އަދި ހަންފުށީގެ ފީއަކީ 421،500 އެމެރިކާ ޑޮލަރެވެ.

ލީސް އެކުއިޒިޝަން ކޮސްޓަކީ ޓޫރިޒަމުގެ ބޭނުމަށް ދޫކުރެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭ ލީސްހޯލްޑު ހައްގުތައް ލިބިގަތުމަށްޓަކައި ކަނޑައަޅާ ފީއެކެވެ. އެއްވެސް ތަނަކާ ގުޅޭ އެއްބަސްވުމެއް ހެދޭނީ މި ފައިސާ ދިވެހި ދައުލަތަށް ދެއްކީމައެވެ.