މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއަށް ތަކެތި ސަޕްލައިކޮށްދޭން ބޭނުންވާ ކަމަށް ބުނެ ހިންގި ސްކޭމަކުން މީހެއްގެ އަތުން 1.9 މިލިއަން ރުފިޔާ ފޭރިގަނެފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، މިދިޔަ ޖޫން މަހުގެ 18 ވަނަ ރިޕޯޓް ކުރި އެ ހާދިސާގައި އެ ފައިސާ ފޭރިގެންފައިވަނީ ރަސްމާލެ މަޝްރޫއުއަށް މުދާ ސަޕްލައި ކޮށްދޭން ބޭނުންވާ ކަމަށް ބުނެ، ކުންފުންޏެއްގެ ހިއްސާދާރެއްގެ އެކައުންޓުންނާއި އޭނާ ހިއްސާވާ ވިޔަފާރީގެ އެކައުންޓުން ކަމަށެވެ.
"އޮޅުވާލައިގެން ވެންޑާ ރަޖިސްޓާކުރުމަށް ކަމަށް ބުނެ، އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި އީމެއިލް ކޮމްޕްރޮމައިޒްކޮށް، ވިކްޓިމްގެ ޕާސަނަލް އެކައުންޓަށް އެކްސެސްވެ، އެ އެކައުންޓުން ގާތްގަނޑަކަށް 25،000 ރުފިޔާއާއި ވިޔަފާރީގެ އެކައުންޓުން 1،897،016 ރުފިޔާ ވަނީ ނަގާފައި" ރަޝީދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މީހާގެ ވިޔަފާރީގެ އެކައުންޓް ކޮމްޕްރޮމައިޒްވި އިރު، އެ އެކައުންޓުގައި 2.6 މިލިއަން ރުފިޔާ ހުރި ކަމަށެވެ. ނަމަވެސް އެކައުންޓުން ފައިސާ މަދުކަން އެހެން ހިއްސާދާރަކަށް ފާހަގަކުރެވި ސްކޭމް ހުއްޓުވުނުއިރު އެކައުންޓުން ސަލާމަތް ކުރެވުނީ 800.000 އެއްހާ ރުފިޔާ ކަމަށް ވިދާޅުވިއެވެ. އަދި އެ ފައިސާގެ ތެރެއިން ޖުމުލަ 548،860 ރުފިޔާ ހޯދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް، ހޯދުނު ފައިސާ ވެރިފަރާތަށް ރައްދުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު