މީހަކު ވަގަށް ރާއްޖެ އެތެރެ ކުރި 22 ވެހިކަލާއި ސްޕެއާޕާޓްސްތަކެއް ދައުލަތަށް ނަގަން ސިވިލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ގދ. ތިނަދޫ ލާޓް އަލީ އަސްބާހް ނިޒާރުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކުރީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އޭނާ ރަޖިސްޓްރީ ކޮށްފައިވާ "މެޓްރޮކްސް" ގެ ނަމުގައި ޕްލައިވުޑް އާއި ޓިމްބާގެ ގޮތުގައި ކަސްޓަމްސްގެ ދެ ޑިކްލަރޭޝަނުން މުދާ ޑިކްލެއާކޮށް އެ ދެ ޑިކްލަރޭޝަން ޕްރޮސެސް ކުރުމަށްފަހު، ކްލިއާކޮށްގެން ޕޯޓްސް ލިމިޓެޑް ސަރަހައްދުން ނެރެގެން ގެންދިޔަ ދެ ކޮންޓޭނަރުން ގާނޫނާއި ގަވާއިދާ ހިލާފަށް ވެހިކަލްތަކެއް ނެރެފައިވާ މައްސަލައެއްގައި އޭނާ ސިއްރުން މުދަލުގެ ގޮތުގައި ވެހިކަލްތަކެއް ރާއްޖެ އެތެރެ ކުރިކަން ކަސްޓަމްސްގެ ތަހުގީގަށް ސާބިތުވެފައިވާތީ، އެ މުދާތައް ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރަކަށް އެދިއެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، އަލީ އަސްބާހް ނިޒާރުގެ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ "މެޓްރޮކްސް" ގެ ނަމުގައި ރާއްޖެއަށް އެތެރެކޮށްފައިވާ ވެހިކަލްތަކަކީ އޭނާއާ ގުޅުމެއް ހުރި ވެހިކަލްތަކެއް ނޫން ކަމަށް ބުނި ނަމަވެސް، އެތަކެތި އެތެރެކޮށްފައި ވަނީ، އެކަމަށްޓަކައި ދޭ ޔޫސާ ނޭމާއި ފާސްވޯޑް ބޭނުން ކޮށްގެން ކަމަށެވެ. އަދި މި ލޮގިން ބޭނުންކުރީ އޭނާ ނޫންކަން އޭނާއަށް ސާބިތުކޮށްދެވިފައި ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މުދަލަކީ ސިއްރުން އެތެރެކޮށްފައިވާ މުދަލެއްކަން މަދަނީ މިންގަނޑުން ސާބިތުވާތީ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން މި ދައުވާގައި ބަޔާންކޮށްފައިވާ 22 ވެހިކަލާއި ސްޕެއާޕާޓްސްގެ މައްޗަށް ހިމެނޭ، މުދަލަކީ ދައުލަތަށް ނެގުމުގެ އަމުރު ދެވިފައިވާ މުދާ ކަމަށް ހުކުމް ކުރާ ކަމަށްވެސް އެ ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު