ގަޅޮޅު ކަންމަތީގައި ޕާކު ކޮށްފައި އޮތް ވޭނަކުން ބާރުގަދަ އަޑެއް ގޮވީ، ގޮވާ އެއްޗެއްގެ ސަބަބުން ނޫން ކަމަށާއި އެކަމުގެ ނިޝާނެއްވެސް ފެންނަން ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިއަދު މެންދުރުފަހު ލިބުނު އެ ރިޕޯޓާ ގުޅިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވިއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަދި ވޭނަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެކަން އެ ސަރަހައްދަށް ދިޔަ ވަންގެ ނޫސްވެރިޔާވެސް ކަށަވަރުކުރިއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުން ގޮވާ އެއްޗެއްގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށާއި އަދި މިއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

"އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވިފައިވާތީ ސީން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކުރެވިފައި. އަދި މިކަން ހިނގާފައިވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭތީ އެކަން ދަނީ ފުލުހުން ބަލަމުން،" އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.