ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ، ލޯކަލް ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން، އެކަމަށް އިދިކޮޅު މައި ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފާޑުވިދާޅުވުމުންނެވެ.

ޕީއެންސީ ހައުސްގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ، އާބާދީ ކުޑަ ރަށެއްގައި ކައުންސިލްގެ ރައީސަކާއި ނައިބު ރައީސަކު ހުރުމުން ފުދޭނެ ކަމަށާއި އާބާދީ އެއަށް ވުރެ ބޮޑު ރަށްތަކާއި ސިޓީ ކައުންސިލްތަކަށް އެއަށްވުރެ ތަންކޮޅެއް ގިނަ ކައުންސިލަރުން ބައިތިއްބައި މިހާރަށްވުރެ ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅަށް ފާޑުވިދާޅުވެ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށެވެ.

"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ އެ ޕޯސްޓަށް ރައްދު ދެއްވައި، އަބްދުއްރަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ސަރުކާރެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ މި ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.

"ގައުމު ހިންގަން ނޭނގި ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓްކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭތީ ރައްޔިތުން ނުކުމެ މަނިކުފާނުމެންގެ (އަބްދުﷲ ޝާހިދުގެ) ވެރިކަން ނިމުމަކަށް ގެނައީ" އަބްދުއްރަހީމް ވިދާޅުވިއެވެ.