ފާއިތުވެ ދިޔަ އެއްވެސް ސަރުކާރަކަށް ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކުރުމުގެ ގޮތުން އާ ސިނާއަތެއް އުފާއްދާފައި ނުވާ ކަމަށާއި އެ ފަރާތްތަކުން މި ސަރުކާރަށް ފާޑު ކިޔާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރު ކުންފުނިތައް ރީފޯމްކޮށް، ބައިނަލްއަގުވާމީ އެކި ފަރާތްތަކާ ގުޅިގެން ރާއްޖޭގައި އާ އިގްތިސޯދީ ސިނާއަތެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެއީ މީގެ ކުރީގެ ސަރުކާރުތަކުން ހަމައެކަނި ދެއްކި ވާހަކައެއް ކަމަށާއި އަމަލުން އެކަމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އެއްވެސް ރައީސަކު، އެއްވެސް ސަރުކާރެއްގަ އާ އިންޑަސްޓްރީއެއް ގެންނަން އިކޮނޮމީ ޑައިވާސިފައި ކުރަން ނުވަތަ ފުޅާ ކުރުމަށްޓަކާ ހަމައެކަނި ވާހަކައެއް ދެއްކުމުގެ ބަދަލުގައި ކުރިކަމެއް ހިތްޕުޅަށް ގެންނަވާ! އެންމެ ކަމެއް. ނޯންނާނެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރު ވެސް ނޯންނާނެ، ރައީސް ޔާމީންގެ ސަރުކާރަކު ވެސް ނޯންނާނެ، އަދި އޭގެ ކުރިން ރައީސް ނަޝީދާ ރައީސް ވަހީދުގެ ސަރުކާރުން ވެސް އަދި އޭގެ ކުރީގެ ސަރުކާރުތަކުގަ ވެސް ނެތް. ކަމެއް ކުރަން ނޫޅޭ ވާހަކައެއް ނޫން. އެހެންނަމަވެސް ކަމެއް ކުރެވިފައި ނެތި ފާޑު ކިޔާތީ އަޅުގަނޑަށް ދެރަވަނީ. ކަމެއް ކުރެވިފަ ނެތި ނަތީޖާއެއް ނުނެރެ ފާޑު ކިޔާތީ އަޅުގަނޑު ކަންބޮޑުވަނީ" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑަކީ ޓޫރިޒަމް ކަމަށާއި ނަމަވެސް އެ ސިނާއަތަށް ކަމެއް ދިމާވެއްޖެނަމަ، ރާއްޖެއަށް ދިމާވާނެ އިގްތިސޯދީ ހީނަރުކަމުން އަރައިގަންނާނެ ގޮތެއް އެއްވެސް ސަރުކާރަކުން ހޯދައިފައި ނުވާ ކަމަށް ސައީދު ވިދާޅުވި އެވެ. އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އިގްތިސޯދު ޑައިވާސިފައި ކުރުމުގެ މަސައްކަތް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ބޮޑުތިލަދުންމަތީގައި ގާއިމުކުރާ ބަންކަރިންގެ ހިދުމަތަށް ބޮޑު ދެ ޓޭންކަރު އެސްޓީއޯއިން މިހާރު ގެނަފައިވާ ކަމަށާއި މިމަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތް ފެށިގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ކޮބައިތޯ މިކަމުން އިކޮނޮމީއަށް އަންނަ ބަދަލަކީ. ހަމައެކަނި ފުރަތަމަ މި ޖުލައިމަސް ނިމޭއިރުގަ ބަންކަރިންގެ ހިދުމަތް ފަށައިގެން އަންނަ އަހަރުގެ ޖުލައި އަންނަންވާއިރު އަޅުގަނޑުމެން އަންދާޒާކޮށްލިއިރު، އަޅުގަނޑު ދެންމެ މި ދެންނެވި ރާއްޖޭގެ ޖީޑީޕީއަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު، އޭގެ ތެރެއަށް އިރާދަކުރެއްވިއްޔާ މުޅިން އާ 400 މިލިއަން ޑޮލަރު ވަދެގެންދާނެ. މީ އިކޮނޮމީ ޑައިވާސިފައިކުރާ ގޮތަކީ. މުޅިން އާ 400 މިލިއަން ޑޮލަރު ނުވަތަ 6 ބިލިއަން ދިވެހި ރުފިޔާ މުޅިން އަލަށް އާ ސިނާއަތެއްގެ ގޮތުގަ މި ރާއްޖޭގެ ޖީޑީޕީ ތެރޭގަ އެނބުރެން ފަށާނެ" ސައީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ނިންމެވުންތަކުގެ ސަބަބުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް މިހާރު ވަނީ 54 މިލިއަން ޑޮލަރު ޖަމާވެފައި ކަމަށާއި މިއަހަރުގެ ނިމުމުގެ ކުރިން އެ އަދަދު 100 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އެ ފަންޑުގައި ފައިސާ ރައްކާކުރުމުގެ ސަބަބުން ރައްޔިތުންނާއި ދައުލަތް ހާލުގައި ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ކުރަމުންމިދަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖެ ބަނގުރޫޓު ކޮށްލުމަށް ކުރި މަސައްކަތުން އަރައިގަތުމުގެ މަސައްކަތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ހަވާލުވާން ޖެހުނީ ކުރީ ސަރުކާރުން ނަގައިފައިވާ އެއްވެސް ބޭނުމެއް ނުހިފޭ ދަރަނިތަކަކާ ކަމަށާއި ނިމިދިޔަ ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން ސަރުކާރު ކުންފުނިތަކަށް، ދައުލަތުން 636 މިލިއަން ޑޮލަރު ނުވަތަ 9.8 ބިލިއަން ދައްކަން ޖެހިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އެކަން ވޯލްޑް ބޭންކުން ޕަބްލިޝް ކޮށްފައިވާ ރިޕޯޓުން ވެސް ފެންނަން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ހިސާބަށް ރާއްޖެ މިއައިއިރުގެ ޑިޒައިންކުރި އެއް ސްޓޭޖް، ﷲ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އަރައިގަނެގެން މިއަދު މީ ދެވަނަ ސްޓޭޖް. ޑިޒައިންގަ ސީދާ ރާއްޖެ ބަނގުރޫޓު ކޮށްލަން ރާވާފައޮތް ދެވަނަ މަރުހަލާ ކުރިއަށް މިދަނީ. އިރާދަކުރެއްވިއްޔާ މިހާތަނަށް ފައިސާ ޗާޕުނުކޮށް ފިސްކަލް ޑިސިޕިލިނަރީގަ ހަރުދަނާ ސިޔާސަތުގެ ސަބަބުން އެއްވެސް ދަރަންޏެއް ދައްކަންޖެހި ފަހަތު ފަޔަކަށް ނޯންނާނެ ދީލާލާފަ، ބުރަވެފައެއް މި ސަރުކާރުންނެއް ނޯންނާނެ" ސައީދު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު