ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށްވުރެ އިތުރު ނުވާގޮތަށް ލިމިޓުކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު އޮތް ގޮތުން އާބާދީ އިތުރުވާ ވަރަކަށް މަޖިލިސް މެންބަރުންގެ އަދަދު 100 އަށްވުރެ މައްޗަށް ވެސް އަރައިގެންދާނެ ކަމަށާއި އެއީ މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ.
"އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އޮތް އަދަދު، އެއީ 76 މެންބަރުން، 76 މެންބަރުންނަށް ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ލިމިޓުކޮށް ހަމަޖެއްސުން. އެހެންވީމާ ކުރިއަށްއޮތް ތަނުގައި ހޮވާ ރައްޔިތުންގެ މަޖިލީހަކީ 93 ނުވަތަ އެއަށްވުރެ އިތުރުވާ އަދަދެއްގެ ބަދަލުގައި 77 ނުވަތަ އެހާ ހިސާބަށް ހަމަޖެހޭ އަދަދަކަށް ކުޑަކޮށް، އެއަށްވުރެ ބޮޑު ނުވާ ގޮތަކަށް ގާނޫނުތަކަށް އިސްލާހު ގެންނަން ސަރުކާރުން އިރާދަކުރެއްވިއްޔާ ހުށަހަޅާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކުޑަކުރުމުން ވަރަށް ބޮޑުތަނުން މަޖިލީހަށް ކުރަންޖެހޭ ހަރަދުތައް ވެސް، ރިކަރެންޓް ބަޖެޓުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި އެކަހަލަ އިސްލާހުތަކެއް ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގެނައީމާ، އެ ސަލާމަތްކުރެވެނީ ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކަމަށެވެ.
މަޖިލިސް މެންބަރުންގެ އަދަދުގެ އިތުރުން ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމުން ވެސް ވަރަށް ބޮޑުތަނުން ހަރަދު ކުޑަވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ އެ އިސްލާހު ވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު