ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޯޑު މެންބަރު ކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްތަކުގައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެމްއެމްޕީއާރްސީގެ ބޯޑަށް އައްޔަނުކުރީ، އއ. އުކުޅަސް، އައްސޭރި، އަބްދުއްސަމީއު އިމާދާއި ދަފްތަރު ނަންބަރު 12480، އާއިޝަތު ހަމީދު ކަމަށެވެ. އާއިޝަތު އެމްއެމްޕީއާރްސީގެ ބޯޑަށް އައްޔަނުކުރީ އާއްމު މެންބަރެއްގެ ގޮތުގައެވެ. އިމާދަކީ، ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެވެސް ބޯޑު މެންބަރެކެވެ

ޕީސީބީން ބުނި ގޮތުގައި އެ ދެ ބޭފުޅުން ބޯޑު މެންބަރު ކަމަށް އައްޔަނުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފައި މި ވަނީ އެ ކޯޕަރޭޝަނުގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި އާއިޝާ ނޫރައިން ޖަނާހު އަދި ބޯޑުގައި ސަރުކާރު ތަމްސީލު ކުރެއްވި ރާފިލް މުހައްމަދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

މިދިޔަ ޑިސެމްބަރު މަހު ޗެއާޕާސަން ކަމަށް އައްޔަންކުރި ނޫރައިން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މެއި މަހުގެ 21 ވަނަ ދުވަހު އެވެ. ބޯޑު މެމްބަރު ކަމުން ރާފިލް އިސްތިއުފާ ދެއްވީ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންވެސް އިސްތިއުފާ ދެއްވީ އެމްއެމްޕީއާރްސީގެ އެތެރޭގެ މައްސަލަތަކުގެ ސަބަބުންނެވެ.

އެ ދެ ބޭފުޅުންގެ އިސްތިއުފާއަށް ފަހު، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) ވަނީ، މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން، އެ ކުންފުނީގެ ހިންގުން މެއި 23 ވަނަ ދުވަހު ހަވާލުކުރީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމްއާއެވެ. އެމްއެމްޕީއާރްސީއެއް އާ އެމްޑީއެއް އައްޔަނުކުރީ، މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އެ ކުންފުނީގެ އާ އެމްޑީއަކީ، ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީއެވެ.