ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ލިބިގަނެ އިސްރާފާއި ބޭކާރު ހަރަދުތައް ނުކުރުމުގެ އާދަ އެންމެންވެސް ހިފަހައްޓަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ, ރަސޫލާގެ ހަޔާތްޕުޅުން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅަކީ އިސްރާފު ނުކުރުމުގެ މިސާލު ކަމަށެވެ. އަދި ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ލިބިގަނެ, އިސްރާފުކުރުން މަދުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އިސްރާފު ނުކުރުމާއި ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފި ނަމަ، މުޅި ގައުމުގެ އިގުތިސާދު ހަރުދަނާވާނޭ ކަމެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, މިދިޔަ އަހަރު ތަކުގައި އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން ދިވެހި ފަސްގަނޑުގައި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އެތައް ބިދޭސީއަކު ދިރިއުޅެމުންދާ ކަމަށާއި މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖުތަމައު އިހުމާލުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމުގެ އާދަތަކަށްވެސް އަހުލުވެރިވުން ކުޑަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އާ އަހަރާ އެކު އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި ފުދުންތެރިކަމާއި ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިސްލާހީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމެވެ. އެންމެން އެއް ރޫހެއްގައި މި ގައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުމެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިޖުރީ އާ އަހަރެއް އަނެއްކާވެސް ބައްދަލު ކުރި އިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަސްތީނުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ހަނގުރާމައިގެ ނާމާން ހާލަތް ކަމަށެވެ، އަދި އެ ފަދަ ކަންކަމުން އަރައިގަތުމަށް "މިއީ އެއް އުންމަތެއްކަމުގައި" ކީރިތި ގުރުއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި އެއްބާރުލުމާއި ގުޅުންތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.