އީރާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިޔަށް ދާނެއެވެ. ވާދަކުރައްވަނީ ސައީދު ޖަލީލީ އާއި ޑރ މަސްއޫދު ޕަޒިކްޝިޔާނެވެ. ގައުމުގެ ކުރިމަގަށްޓަކައި ދެބޭފުޅުން ހުށައަޅުއްވާ މެނިފެސްޓޯ ވަރަށް ތަފާތެވެ. ޚާއްސަކޮށް ޚާރިޖީ ސިޔާސަތާއި އެ ސިޔާސަތުތަކުގެ އަމާޒެވެ. ތަޖުރިބާކާރުންގެ ވިސްނުމުގައި މިއިން ކޮންމެ ބޭފުޅަކު ހޮވުނަސް އީރާނުގެ ޚާރިޖީ ސިޔާސަތަށް މާބޮޑު ބަދަލެއް ނާންނާނެއެވެ. ޑރ. ޕަޒިޝްކިޔާނަކީ ކުރީގެ ހެލްތު މިނިސްޓަރެވެ. ހިތުގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރެކެވެ. ހުސްވި ޖޫންމަހުގެ އަށާވީހުގައި ބޭއްވުނު އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ އަދަދެއްގެ ވޯޓު ހޯއްދެވީ އޭނާއެވެ. އެކަމަކު އޭނާއަށްވެސް ވޯޓުގެ ފަންސާސް އިންސައްތަ ނުހޯއްދެވުނެވެ. އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހުނީ އެހެންވެގެންނެވެ. މި ބުރުގައި ޑރ. ޕަޒިޝްކިޔާނާ ވާދަކުރައްވާ ސައީދު ޖަލީލީއަށް ފުރަތަމަ ބުރުގައި ހޯއްދެވުނީ ދެވަނައެވެ.

މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި އެންމެހައި ކެންޑިޑޭޓުންގެ ތެރެއިން ހަރުކަށި ވިސްނުން ހިއްސާ ނުކުރައްވާ ހަމައެކަނި ކެންޑިޑޭޓަކީ ޑރ. ޕަޒިޝްކިޔާނެވެ. އީރާނުގެ ކުރީގެ އިސްލާހީ ފިކުރުގެ ޚާރިޖީވަޒީރު މުހައްމަދު ޖަވާދު ޒާރިފުވެސް ހުންނެވީ މިފަހަރު ޑރ. ޕަޒިޝްކިޔާނާއެކުގައެވެ. މިކަމުން ދޭހަވަނީ ހުޅަނގުގެ ގައުމުތަކާ މަޝްވަރާކޮށްގެން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެެއް ހޯދަން ޑރ. ޕަޒިޝްކިޔާން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެވެ. ނިއުކުލިއަރ މުއާހަދާއަށް އަމަލުކޮށް އިތުބާރު ގާއިމުކުރުމަށް ސަމާލުކަންދޭނެ ކަމެވެ. އަނެއްކޮޅުން ސައީދު ޖަލީލީއަކީ ހަރުކަށި ވިސްނުމުގެ ބޭފުޅުންގެ ތެރެއިންވެސް ހަރުކަށިކަން ބޮޑު ބޭފުޅެކެވެ. އޭނާގެ ރިޔާސަތެއްގައި ހުޅަނގާއެކު މަޝްވަރާކޮށް ދޫތަކެއް ދިނުމަކީ ގާތްގަޑަކަށް މުސްތަހީލު ކަމެކެވެ. ބޮޑަށް ގަބޫލުކުރެވޭ ގޮތުން މާދަމާގެ ވޯޓުން ޖަލީލީ ކުރިހޯއްދެވުން ވަރަށް ގާތެވެ. އެހެން ހީކުރެވެނީ ފޭލްވި ކެންޑިޑޭޓުންނަށް ވޯޓުދިން އެންމެން ޖަލީލީއަށް ތާއީދުކުރާނެ ކަމަށް ގަބޫލުކުރެވޭތީއެވެ.

ފުރަތަމަ ބުރުގައި ވާދަކުރެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ހަރުކަށި ފިކުރުގެ ބޭފުޅުންނެވެ. އެބުރުން ފޭލްވި ހަރުކަށި ފިކުރުގެ އަނެއް ދެ ބޭފުޅުންނަށް ވޯޓުދިން ގިނަބަޔަކު ސައީދު ޖަލީލީއަށް މިބުރުގައި ވޯޓުދީފިނަމަ އޭނާ އިންތިޚާބުވާނެއެވެ. ކޮންމެއަކަސް މިވަގުތު ނޭނގޭ އެއްޗަކީ މާދަމާގެ ވޯޓު ކާމިޔާބު ކުރައްވާނެ ބޭފުޅެކެވެ. ޔަގީންވާ އެއްޗަކީ ކޮންމެ ބޭފުޅަކު ކުރިހޯއްދެވިއަސް ހަގީގަތުގައި ޚާރިޖީ ސިޔާސަތަށް ބޮޑު ބަދަލެއް ގެނައުމުގެ ފުރުސަތެެއް ނެތްކަމެވެ. އީރާނުގެ ރައީސަކީ ކަނޑައެޅިފައި އޮންނަ ވަކި ބާރުތަކެއްގެ އިމުގެ އެތެރޭގައި ކަންކަން ކުރެއްވޭނެ ބޭފުޅެކެވެ. އެ ބާރުތަކުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ބަދަލުކުރުމެެއް ނުހިމެނެއެވެ. ޚާރިޖީ ގުޅުންތަކާބެހޭ ކަންކަމުގެ މުގޫ އޮންނަނީ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީގެ އަތްޕުޅުގައެވެ. އޭނާގެ ވިސްނުންފުޅާ އެއްގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރަނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް، އައިއާރްޖީސީންނެވެ.

މިއީ އީރާނުގެ ސިޔާސީ ނިޒާމު އޮންނަގޮތުން މިކަން ހަމަޖެހިފައިއޮންނަ ގޮތެވެ. މިއީ އެހެން ގައުމުތަކާއި މުޅިން ތަފާތު ނިޒާމެކެވެ. މިސާލެއްގެ ގޮތުން އެމެރިކާ ނަގަމާބަހީއެވެ. އެމެރިކާގައި މިއަހަރުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޖޯ ބައިޑެން ބަލިކޮށްފައި ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އަލުން ވަޑައިގެން އެމެރިކާގެ ޚާރިޖީ ސިޔާސަތަށް 180 ޑިގްރީގެ ބަދަލެއްވެސް ގެނެވިދާނެއެވެ. އެކަމަކު އީރާނުގެ ރިޔާސަތަށް ވަޑައިގަންނަވާ ބޭފުޅަކަށް އެންމެ ބޮޑުވަރަކަށްވެސް ގެންނެވޭނީ 45 ޑިގްރީގެ ބަދަލެކެވެ. އެއީ އެހެން ތަންތަނުގެ ރައީސުންނަށް އެކަންކުރެވޭނެ މިންވަރުގެ ހަތަރުބައިކުޅަ އެއްބައެވެ. އީރާނުގެ ރައީސެއްގެ އިމަކީ އެއީއެވެ. އީރާނުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުން މަދުވުމުގެ ސަބަބަކީވެސް ރައީސުގެ ބާރުތައް ހަނިކަމާއި އިސްލާހީ މަގުގައި ރައީސަށް ކުރެއްވޭނެ ކަންކަން މަދުކަމެވެ. އެހެންވެ ވަރަށް ގިނަބަޔަކު ބުނެއެވެ. ކޮންމެ މީހަކު ހޮވުނަސް ކަންކަން ބަދަލެއް ނުވާނެއެވެ. އެހެންވީމާ ވޯޓުލުމުގެ ބޭނުމެއްވެސް ނެތެވެ.

މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ވޯޓުލާން ނުކުތީ ވަރަށް މަދުބައެކެވެ. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ވޯޓުލާކަށް ނުނިކުމެއެވެ. މިއީ މީގެ 45 އަހަރު ކުރިން 1979 ގައި އީރާނުގެ ރަސްކަން ބަދަލުކޮށް ޖުމްހޫރިއްޔަތެެއް ގާއިމުކުރެވުނު ފަހުން ވޯޓުލާން ނުކުތް މީހުންގެ އިންސައްތަ ދަށަށް ދިއުމުގެ އައު ރިކޯޑެކެވެ. މާދަމާގެ އިންތިޚާބުން ޑރ. ޕަޒިޝްކިޔާން ކުރިހޯއްދަވައި އީރާނުގެ ޚާރިޖީ ސިޔާސަތަށް ބޮޑު ބަދަލެއް ގެންނެވުމަށް ދިމާކުރައްވައިފިނަމަ އެންމެ އަވަހަށް އޭނާއާ މުޑިއަރާނީ ޕާލަމަންޓެވެ. ޕާލަމަންޓްގެ ކޮންޓްރޯލް އޮތީ ހަރުކަށި ފިކުރުގެ ބޭފުޅުންނަށެވެ. އީރާނުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ސަރަހައްދީ ޑިޕްލޮމަސީއަކީ އަމްދުން ރައީސްގެ ކޮންޓްރޯލްގެ ތެރޭގައި އޮންނަ ކަމެއް ނޫނެވެ. އެކަންކުރަނީ އައިއާރްޖީސީންނެވެ. ލުބުނާނާއި ޔަމަނާއި ސީރިޔާއާއި އިރާގުގެ ކަންކަން ކުރިއަށް ގެންދާނެގޮތް ރާވަނީ އެމީހުންނެވެ.

އައިއާރްޖީސީއަކީ އީރާނުގެ ނިޒާމު ހަމަޖެހިފައި އޮންނަގޮތުން ހަތިޔާރުއެޅި ލަޝްކަރެއްވެސްމެއެވެ. ގައުމުން ބޭރުގައި އީރާނުން ހިންގާ އަސްކަރީ އެންމެހައި ކަންކަން ރާވައި ތަންފީޒު ކުރަނީވެސް އައިއާރްޖީސީންނެވެ. އިންގިލާބީ ގާޑުންނޭ ކިޔަނީ މި ލަޝްކަރަށެވެ. މިއީ އީރާނުގެ ރަސްމީ ސިފައިންގެ ލަޝްކަރާ އަދި މުޅިން ތަފާތު ލަޝްކަރެކެވެ. މި ލަޝްކަރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ރޫހީ ލީޑަރު އަލީ ޚާމަނާއީއަށެވެ. ކޮންމެއަކަސް އީރާނުގެ ޚާރިޖީ ސިޔާސަތަށް ބަދަލުތަކެއް ގެންނަވަން އައު ރައީސް ދިމާކުރައްވައިފިނަމަ އައިއާރްޖީސީއާ މުޑިއަރާކަށް ގިނަދުވަސްތަކެއް ނުނަގާނެއެވެ. އައު ރައީސަށް މިނިވަންކަމާއެކު ކުރެއްވޭނެ އެންމެ މުހިއްމު ކަމަކީ ނިއުކުލިއަރ ޕްރޮގްރާމުގެ މައްސަލައިގައި ހުޅަނގުގެ ބާރުތަކާއެކު މަޝްވަރާ ކުރެެއްވުމެވެ. އެކަން ކުރެެއްވިދާނެއެވެ. އެކަމަކު މުއާހަދާއެއްގައި ސޮއިކުރެެއްވޭނީ ރޫހީ ލީޑަރުގެ ރުހުމާއި ޕާލަމެންޓުގެ ރުހުމާއެކުގައެވެ. އެ ރުހުން ނުލިބެންޏާ މަޝްވަރާތައްވާނީ ބޭކާރެވެ.