ރާއްޖޭން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ފޮރިން މިނިސްޓްރިއާ ހަވާލުކޮށްފިއެވެ.

ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ހުސްވި ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފްރެންސްގައި ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ. އެ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

"ޕީއެސްއެމްއަށް އެ ޓެލެތޯން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ އެހީތެރިކަމާއެކުގައި. ހާއްސަ ގޮތެއްގައި ވީޓީވީ، އަސްލުޓީވީ، ރާއްޖެ ޓީވީ، އެންޓީވީ، ސަންޓީވީ، ދިވެހިޗެނަލް، ޓީވީއެމް، އަދި ޕީއެސްއެމް ނިއުސް، ދިވެހިރާއްޖޭގެ އަޑު އަދި އޮންލައިން ނޫސްތަކުންވެސް އެ ޓެލެތޯންގެ މައުލޫމާދު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ވެދިން އެހީތެރިކަމަށާއި ދިން އެއްބާރުލުމަށް ޝުކުރު އަދާކުރަން،" ޕްރެސް ކޮންފަރެންސްގައި ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެ ޓެލެތޯންގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށާއި އެގޮތުން މިނިވަން އޮޑިޓަރެއްގެ ބެލުމުގެ ދަށުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްއާރު) މޯލްޑިވްސް އިން ވެދިން އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.

"ޓެލެތޯން ކުރިއަށް ގެންދިޔަ އިރުގައި ވަރަށް ފާހަގަކޮށްލަން ބޭނުންވޭ ވަރަށް ކައިރިން މަސައްކަތް ކުރަމުން ގެންދިޔައީ. އެންމެ ގިނަ ވަގުތު ހޭދަވެގެން ދިޔައި ފާއިސާ ގުނުމަށް. އިރުއޮއްސުނުއިރު ފައިސާ ގުނަން ފެށީ. ނަމަވެސް ފަތިހާ ހަމައަށް ކިޔިރާ ނިންމާލެވުނީ. ފަތިހު 4:30ގެ ފަހުން ފައިސާ ހަވާލުކޮށް ނިންމާލެވުނީ. ވަކިލާރިންވެސް ހުރި 40،000 ވުރެ ގިނަ ރުފިޔާ. ހަމައެކަނި ކޮއިންސް ގުނުމަށް ހަ ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވި" ޒީނާ ވިދާޅުވިއެވެ.