ގައުމަށް ގައްދާރުވި މީހެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އަމީރު ހައްޔަރުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މެންބަރު ސަލީމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުނ،ް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ވޭތުވެދިޔަ ތިން ދައުރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިންނެވި މެންބަރެއްގެ ހައިސިއްޔަތުން ސަރުކާރުން ދަރަނި ނުނެގުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ތަކުރާރުކޮށް ދަންނަވަމުން ގެންދެވި ކަމަށެވެ.
"މާލިއްޔަތު ކޮމިޓީގައި މިދިޔަ ތިން ދައުރުގައިވެސް އިން މީހެއްގެ ހައިސިއްޔަތުން ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވަޑައިގަންނަވާ ކޮންމެ ފަހަރަކު އާދޭސްކޮށް ދަންނަވަން ތިވަރަށް ދަރަނި ނުގަންނަވާށޭ ގައުމުގެ ހާލަތު ގޯސްވަނީއޭ،"
ނަމަވެސް ބޭނުންވަރަކަށް ލޯނު ނަންގަވާނެ ކަމަށް އަމީރު ވިދާޅުވަމުން ގެންދަވި ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، އަމީރަކީ ގައުމަށް ގައްދާރުވެފައިވާ މީހެއް ކަމަށެވެ. އެހެންކަމުން ގައުމަށް ގައްދާރުވި މީހެއްގެ ގޮތުގައި އޭނާ ހިފައި ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނޫންނަމަ ދެން އަންނަ ވަޒީރުންވެސް އެގޮތަށް އަމަލު ކޮށްފާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ގައުމަށް ގައްދާރުވުމަކީ ނުރައްކަލެއް ކަމަށެވެ. ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންވެސް އެެކަމަށް ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ގައުމުގައި ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުންވެސް ގައުމަށް ގައްދާރުވެވަޑަިއގެންފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު