އިންޑިއާގައި ގިނަ ބަޔަކު އެއްވި އިވެންޓެއްގައި ފިތިބާރުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މި މީހުން މަރުވެފައިވަނީ އިންޑިއާގެ އުތުރުން އޮންނަ އުއްތަރަޕްރަދޭޝްގައި އިއްޔެ ބޭއްވި ހިންދޫ ދީނުގެ އިވެންޓެއް ނިންމައި، ނުކުތުމުގެ ތެރޭގައެވެ.

މި ހާދިސާއާ ގުޅިގެން އިތުރު މީހުންނަށް ފަރުވާދެމުން އަންނަ އިރު މަރުވި މީހުންގެ އަދަދު 116 އަށް އަރާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އޮފިޝަލުން ބުނާ ގޮތުގައި، މި ހާދިސާ ހިނގުމުގެ މައިގަނޑު ސަބަބަކީ އިވެންޓު ބޭއްވި ތަނުން ނުކުންނާން އޮތް މަގު އާދާ ހިލާފަށް ހަނިވުމެވެ. އެންމެން އެއްކޮށް އެއް ވަގުތެއްގައި ނުކުންނާން ދިމާކުރުމުން، އެ ހަނި މަގުގެ ތެރޭގައި އެތައް ބަޔަކު ތާށިވެ، ނޭވާ ހާސްވެފައިވެއެވެ. އަދި ބައެއް މީހުން ވެއްޓި، މީހުންގެ ފައިދަށުވެސް ވެފައިވެއެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެކުލަވާލައިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.