އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެއިން ސޮއިކުރީ އިސްލާމް ދީނާއި ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ރިޒަވޭޝަން ހުށަހެޅުމަށްފަހު ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަމޯއާ އެގްރީމަންޓުގައި އިސްލާމް ދީނާ ހިލާފު ކަންކަން ހުރުމުންނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ ގިނަ ކަންކަން ހިމެނޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ސަމޯއާ އެގްރީމަންޓުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ފާސްކޮށްފައިވާ އިރު، އެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީއެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަމޯއާ އެގްރީމެންޓްގައި ރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާއި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައި ކަމަށާއި އެގޮތުން ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާ ކަމަށެވެ.
"މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައި ވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހު. އިސްލާމްދީނާއި އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތުނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ހީނާ ވިދާޅުވިއެވެ.
ސަމޯއާ އެގްރީމަންޓުން އެންމެ ބޮޑަށް ބާރު އަޅާ އެއް ކަމަކީ ދީނީ މިނިވަންކަން ދިނުމެވެ.
ސަމޯއާ އެގްރީމަންޓަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ އާއި އޯއޭސީޕީއެސް އިން ޖުމަލް ހަ ދާއިރާއަކުން އެކުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. އެއްބަސްވުމުގައިވާ މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.
ސަމޯއާ އެގްރީމަންޓާ އެކު އޯއޭސީޕީއެސްގެ މެންބަރު ގައުމުތަކަށް ޔޫރަޕިއަން ޔޫނިއަންގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމުތައް ރާއްޖެއަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މި އެއްބަސްވުމުގައި އޯއޭސީޕީއެސް ގެ 79 ގައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު