އިމަޖެންސީގައި ތުރުކީ އަށް ޖެއްސި އިޒްރޭލުގެ ފްލައިޓަކަށް ތެޔޮ އެޅުމަށް ދެކޮޅު ހަދައިފިއެވެ.

އިޒްރޭލުގެ ގައުމީ އެއާލައިން، އެލް އަލްގެ ފްލައިޓުން ދަތުރު ކުރި ފަސިންޖަރެއް ބަލިވެ ހޯމަ ދުވަހު އިމަޖެންސީގައި ތުރުކީގެ އަންޓާލްޔާ އެއާޕޯޓަށް ޖައްސާފައިވާ އިރު، އެ ފްލައިޓަށް ތެޔޮ އަޅައިދޭން ބުނުމުން މުވައްޒަފުން ވަނީ އެކަމާ ދެކޮޅު ހަދާފައި ކަމަށް އެއާލައިނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވެއެވެ.

އިޒްރޭލުގެ އެލްއަލް އިން ނެރުނު ބަޔާނުގައި ވާގޮތުން ސިއްހީ އިމަޖެންސީގައި ފްލައިޓު ޖެއްސި ނަމަވެސް އެ ފްލައިޓަށް ތެޔޮ އެޅުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ތުރުކީ އާއި އިޒްރޭލާ ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ނަމަވެސް ފްލައިޓުގައި ސިއްހީ އިމަޖެންސީ އެއް ދިމާވުމުން ދެގައުމު ދެމެދު ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފަހު ފްލައިޓު ޖެއްސުމަށް ހުއްދަ ދީފައިވެއެވެ.

ތުރުކީގެ އެއާޕޯޓުން ތެޔޮ އެޅުމަށް އިންކާރު ކުރުމުން، އެލްއަލްގެ އެފްލައިޓު ވަނީ ގްރީސްއަށް ދަތުރުކޮށް ތެޔޮ އަޅައިގެން އިޒްރޭލަށް ދަތުރުކޮށްފައި ކަމަށް އޮފިޝަލުން ބުންޏެވެ.