ޑޮކްޓަރުގެ ލިއުމެއް އޮވެގެން ނޫނީ އޮސްޓްރޭލިއާގައި ވޭޕު ނުވިއްކޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް، އެ ގާނޫނަށް އަމަލު ކުރަން ފަށައިފިއެވެ.

އޮސްޓްރޭލިއާގައި ވޭޕާ ދެކޮޅަށް ގާނޫނެއް ހަދައި އެ ގާނޫނަށް އަމަލުކުރަން ފަށާފައިވާ އިރު، ވޭޕުގެ ތެރެއިން ނިކޮޓިން އެކުލެވޭ ވޭޕު ވިއްކޭނީ ބޭސް ފިހާރަތަކުންނެވެ.

އެގޮތުން މިއަދުން ފެށިގެން އޮސްޓްރޭލިއާގައި ވޭޕު ގަންނަން ބޭނުންނަމަ، ޑޮކްޓަރުގެ ލިއުމެއް ބޭނުންވާނެއެވެ. އަދި ލިބެން ހުންނާނީވެސް ތިން ފްލޭވާ ކަމަށް ވަނީ ހިމަނައިފައެވެ. ގާނޫނުގައި ވާގޮތުން ބޭސް ފިހާރައިން ގަންނަން ލިބޭނީ މިންޓް އަދި މެންތޯލް އާއި ޓޮބޭކޯއެވެ.

އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ އެގާނޫނުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެގައުމުގައި ވޭޕު ކުރާ މީހުންގެ ނިސްބަތް މަދުކުރުން ކަމުގައި ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން ޒުވާނުންނާއި ކުޑަކުދިން އެ ނުރަނގަޅު އާދައިން ދުރުހެލި ކުރުވުމަށް އެޅޭނެ ފިޔަވަޅެއްގެ ގޮތުގައި އެގާނޫނަށް އަމަލު ކުރުން ހިމެނޭ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

އޮސްޓްރޭލިއާއިން ދުންފަތާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތުގައި އެގައުމުން އަންނަ ސެޕްޓެމްބަރުގައި ދުންފަތުން ނަގާ ޓެކްސް ފަސް ޕަސެންޓަށް އިތުރު ކުރާނެ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.