ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށްކުރި ނަމަވެސް، މަސްވެރިން ތެޔޮ ގަންނަން ދޭ ސަބްސިޑީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 20 ރުފިޔާ އަށެވެ. ނަމަވެސް މިއަދުން ފެށިގެން މިފްކޯއިން ވަނީ ބައިނަލްއަގުވާމީ މާކެޓުގައި މަހުގެ އަގު ހުރި މިންވަރަށް ބަލައި މަސް ގަންނަން ފަށައިފައެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ހަފުތާއަކަށް މަސް ގަންނަ އަގު މިފްކޯއިން ކަނޑަ އަޅާނެއެވެ.

މަސް ގަންނަ އަގު ދަށްކުރުމުން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ތެލުގެ ސަބްސިޑީ ބޮޑުކުރަން ގޮވާލައިފައެވެ.

މިއަދު ނޫސްވެރިންނާ އެކު ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއިން ބޭއްވި ބައްދަލުވުމުގައި، ތެލުގެ ސަބްސިޑީއަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝިޔާމް ވިދާޅުވީ އެ ފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ބޮޑުވުމާއި ދައުލަތަށް ލިބޭ އާމްދަނީ މަދުވާ ފަދަ ކަމެއް މިވަގުތު ނުކުރުމެވެ.

"މިވަގުތުން މިވަގުތަށް ތެލުގެ ސަބްސިޑީއަށް އެއްވެސް ކަހަލަ ބަދަލެއް ގެންނަން ވިސްނާފައި ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 20 ރުފިޔާއަށް މަސް ގަންނަ ނަމަ، މިފްކޯއަށް ސަބްސިޑީގެ ގޮތުގައި އަހަރަކު 560 މިލިއަން ރުފިޔާ ދޭން ޖެހެއެވެ. ނަމަވެސް އަލަށް ގެނައި ބަދަލާ އެކު އެ އަދަދު 250 މިލިއަނަށް ކުޑަކުރެވެއެވެ.

ތެލާއި އައިސްގެ ސަބްސިޑީގެ ގޮތުގައިވެސް މިފްކޯއިން ކޮންމެ އަހަރަކު މަސްވެރިންނަށް ބޮޑު އަދަދެއް ދެއެވެ.