މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދެންމެ ފާސް ކޮށްފިއެވެ.

އަލީ ހާޝިމް ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، މަނިޓަރީ އޮތޯރިޓިގެ ގާނޫނުގައި އެމްއެމްއޭގެ މައިގަނޑު މަގުސަދުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އެއީ ފައިސާ ނެރެ ފައިސާ ލިބެން ހުންނާނެ ގޮތް ހަމަޖެއްސުމާއި ދިވެހި ރުފިޔާގެ ބައިނަލް އަގުވާމީ އަގު ކަނޑައެޅުމާއި ބޭންކިން އާއި މަނިޓަރީ މުއާމަލާތާބެހޭ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށް ބޭންކު މުއާމަލާތާ ބެހޭ އުސޫލުތައް އެކަށައަޅައި ހިންގައި ރާއްޖެއަށް ހަމަޖެހޭ އިގުތިސޯދީ ތަރައްގީއެއް ގެނަސް ދެވޭނެގޮތެއްގައި މާލީ ހާލަތު ކުރި އެރުވުން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގައުމެއްގެ އިގުތިސޯދު ކުރިއަށް ގެންދިއުމަށް އޮންނަ މައިގަނޑު ދެ އަސާސަކީ ފިޒްކަލް ޕޮލިސީ އާއި މަނިޓަރީ ޕޮލިސީ ކަމަށެވެ. މި ދެ ޕޮލިސީގެ ތެރެއިން ފިޒްކަލް ޕޮލިސީއަކީ ސަރުކާރުގެ ހަރަދުތައް ބައްޓަން ކުރާނެ ގޮތްތަކާއި ޓެކްސް ނަގާނެ މިންވަރުތައް ކަނޑައެޅުން ފަދަ އިގުތިސޯދީ ކަންކަމުގައި ސަރުކާރުން އަމަލު ކުރާ އުސޫލުތައް ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި މަނިޓަރީ ޕޮލިސީއަކީ އިގުތިސޯދުގެ ތެރޭގައި ދައުރުވާ ފައިސާ ކަނޑައެޅުމާއި ބޭންކިން އުސޫލުތަކުގެ ތެރެއިން އިންޓްރެސްޓް ރޭޓް ކަނޑައެޅުން ފަދަ، ސީދާ ގޮތެއްގައި އިގުތިސޯދުގެ ތެރޭގައި ފައިސާ ހުންނާނެ މިންވަރު ކަނޑައެޅުން ކަމަށާއި އެއީ އެމްއެމްއޭގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު އަލީ ހާޝީމް މަގާމުން ވަކިކުރަންޖެހޭ ކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ގައުމުގެ ފިޒްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލައި އެކަމަށް ބޭނުންވާ ގާނޫނުތައް ތައާރަފުކޮށް، އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަަމަށެވެ.

ނަމަވެސް ގައުމުގެ އިގުތިސޯދު ހީނަރުވެ އަލުން އަނބުރާ އިއާދަކުރުން އުނދަގޫ ހިސާބަކަށް އިގުތިސޯދު ނިކަމެތިވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމަށްވާ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިނގަމުންދާތަން ފެންނަން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"މިގޮން އެންމެ ފާހަކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިނޭޝަލް އިންސްޓިޓިއުޝަންތަކުން އާއްމުންނަށް ލޯނުދިނުން ނުސީދާކޮށް ހިފަހައްޓައި ބޭންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރު އަޅުއްވައިފައި. އެގޮތަށް އަމަލު ކުރުމުން އިގުތިސޯދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގުތިސޯދީ ދުވެލި ވަނީ މަޑުޖެހިފައި،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ސަރުކާރުން ވެސް މިހާރު ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށެވެ. އެހެންކަމުން ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެކަން ކުރަމުންދާތަން ފެންނަމުން ނުދާކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓްރީން އޮފް ހޯމް އެފެއާޒާއި ދިވެހި ފުލުހުންގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތު ތަކުގައި ކުށް ކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދުތައް އަދާހަމަ ކުރެވިފައި ނުވާ މައްސަލަ ފާހަގަ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރު އައިފަހުން ގާނޫނުގައި ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުން ކޮމިޓީން ފާސްކުރަން ނާޒިމް ހުށަހެޅުއްވިއެވެ.

ނާޒިމްގެ ހުށަހެޅުމާ އެއްގޮތަށް އަލި ހާޝިމް މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފާސްކުރީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި ދެން ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި އެހެން ހުރިހާ މެންބަރުން ވޯޓުންނެވެ.