ބައިނަލްއަގުވާމީ މާކެޓްގައި މަހުގެ އަގު ހުންނަ ވަރަށް ބަލައިގެން މިއަދުން ފެށިގެން މިފްކޯއިން މަހުގެ އަގު ކަނޑައެޅި ނަމަވެސް އަދިވެސް މިފްކޯ ހިންގަން ޖެހޭނީ ދައުލަތުން ސަބްސިޑީ ދީގެން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ އިސްވެރިން ނޫސްވެރިންނާ އެކު މިއަދު ބޭއްވި މައުލޫމާތު ސެޝަންގައި މިފްކޯ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި އެ ކުންފުނީގެ ޗީފް ފައިނޭންސިން އޮފިސަރު އިލްޔާސް ހަނީފް ވިދާޅުވީ، މިފްކޯއަށް މި އަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި ދައުލަތުން 356 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ، މާކެޓް އަގަށް ބަލައިގެން މިފްކޯއިން މަސް ގަތް ނަމަވެސް، މަހެއްގެ މައްޗަށް 20-25 މިލިއަން ރުފިޔާގެ ސަބްސިޑީ ދައުލަތުން ބޭނުންވާނެ ކަމަށެވެ.

"އަހަރަކަށް އެއީ ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ ސަބްސިޑީ" އިލްޔާސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި، މިނިސްޓަރު ޝިޔާމް ވިދާޅުވީ، 20 ރުފިޔާއަށް މަސް ގަންނަ އިރު 560 މިލިއަން ރުފިޔާގެ ސަބްސިޑީ ދައުލަތުން މިފްކޯއަށް ދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އެންމެ ބޮޑު އަމާޒަކީ، މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް ކޯލްޑް ސްޓޯރޭޖާއި މަސް ޕްރޮސެސް ކުރެވޭނެ މިންވަރު އިތުރުކުރުން ކަމަށެވެ. އެގޮތުން ފެލިވަރު ތަރައްގީކޮށް ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި އަލަށް ކޭނަރީ ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަމާޒަކީ، 2026ގެ އޮގަސްޓު މަހަށް އެ މަސައްކަތްތައް ނިންމުން. އޭރަށް މިފްކޯއަކީ، ފައިދާގައި ހިންގޭނެ ކުންފުންޏަކަށް އިރާދަކުރެއްވިއްޔާ ބަދަލުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފްކޯގެ ހަރަދު ކުޑަކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.