އެކުވެރި އަރަބި އިމާރާތުގެ އާބޫ ދާބީގައި މިއަދު ބާއްވާ ގްލޯބަލް ސަސްޓެއިނެބިލިޓީ ފޯރަމުގައި ބައިވެރިވުމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު އަބޫދާބީ ވަޑައިގެންފިއެވެ.

އެންވައިރަމަންޓް މިނިސްޓްރީން މިއަދު ބުނީ އެ ފޯރަމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ވިލުންތެރިކަމާ ގުޅޭގޮތުން ބާއްވާ ޕެނަލްގައި މިނިސްޓަރު ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ފޯރަމުގައި، ކްލައިމެޓް ޗޭންޖް ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ

އެ ފޯރަމް ވެގެންދާނީ، ކްލައިމެޓް ޗޭންޖުގެ މައްސަލައަށް ހައްލުހޯދުމަށް ބޭނުންވާ އީޖާދީ ޓެކްނޯލޮޖީ އާއި އާޓިފިޝަލް އިންޓަލިޖެންސްގެ ދައުރާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމަށް ހޭނުމަށް ޑޭޓާގެ މުހިއްމުކަމާއި އަދި ފައިނޭންސްއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ފޯރަމަކަށް ކަމަށްވެސް އެންވައިރަމަންޓް މިނިސްޓްރީން ބުންޏެވެ.