ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ށ. ފުނަދޫ/ ޒަމާނީ ވިލާ، މުހައްމަދު ޖަމީލު 45އ ހުކުރު ދުވަހު މަރުވި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ.
އެޗްއާރްސީއެމުން އެކްސްގައި އިއްޔެކުރި ޕޯސްޓެއްގައި ބުނީ މިނިވަންކަން ގެއްލޭ ގޮތަށް، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެ ހާލަތެއްގައި އެކަން ހިނގައިދިޔަ ގޮތް ބަލައި، މަރުވި މީހާގެ ހަށިގަނޑު ބެލުމަށް އެ ކޮމިޝަންގެ ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ވަގުތުން ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ.
އެގޮތުގެ މަތިން ޖަމީލް، މަރުވި މައުލޫމާތު ލިބުމާއެކު އާރުއާރުޓީއިން ވަގުތުން ހަރަކާތްތެރިވާން ފަށައިފައިވާނެ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"މިގޮތުން، މުހައްމަދު ޖަމީލުގެ ހަށިގަނޑު ބަލައި، ފޮޓޯ ނަގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ފަރާތުންނާއި، އާއިލާގެ ފަރާތުން މައުލޫމާތު ސާފުކޮށް، މުހައްމަދު ޖަމީލްގެ މެޑިކަލް ފައިލް ބަލާފައިވާނެއެވެ. އަދި ހަމަ މިއާއެކު މާފުށީ ޖަލަށް ޒިޔާރަތްކޮށް، މި ހާދިސާގެ ސީސީޓީވީ ފުޓޭޖު ބަލައި، މުހައްމަދު ޖަމީލު ހުރި ގޮޅި ބަލައި، އެ ޔުނިޓުގައި ތިބި ބަންދުމީހުންގެ ފަރާތުންނާއި، މުހައްމަދު ޖަމީލު ކުރިން ހުރި ގޮޅީގައި ތިބި ބަންދުމީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާނެ އެވެ. މީގެ އިތުރުންވެސް މި މައްސަލައިގައި ބަލަންޖެހޭ އިތުރުކަންކަން ކޮމިޝަނުން ބަލަމުން އަންނަ ވާހަކަ ދަންނަވަމެވެ." އެޗްއާރްސީއެމުން ބުންޏެވެ.
ޖަމީލުގެ މަރާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ޖަމީލުގެ ހަށިގަނޑުގައި ފާހަގަކުރެވޭ ނިޝާންތަކެއް ހުރި ނަމަވެސް ޖިސްމާނީ ގޮތުން އޭނާއަށް އަނިޔާތަކެއް ދީފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ޖަމީލް މަރުވެފައި ވަނިކޮށް ފެނިފައިވަނީ، ނުރައްކާތެރި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާ މާފުށީ ޖަލުގެ ގޮޅީގައި އޮއްވައެވެ. ޖަމީލަށް އަނިޔާއެއް ކޮށްފައިވޭތޯ ފުލުހުން ތަހުގީގުކުރަން ފެށީ، އޭނާ މަރުވިއިރު ހަށިގަނޑުގެ އެކި ތަންތަނުގައި އަނިޔާކޮށްފައިވާ ފަދަ ނިޝާންތަކެއް ހުރި ކަމަށް ބެލެވޭ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ލީކުކޮށްލުމާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
އެކަމާ ބެހޭގޮތުން ފުލުހުން ކުރި ތަހުގީގާ ބެހޭ މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހު ބޭއްވި ނިއުސްކޮންފަރެންސްގައި ފުލުހުންގެ ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވެފައިވަނީ ޖަމީލް އޮތް ގޮޅީގެ ސީސީޓީވީ ފުޓޭޖުތަކުން ދައްކާގޮތުން ޖަމީލު ގޮޅިއަށް ވަނީ ބުރާސްފަތި ދުވަހުގެރޭ 9:30 ހާއިރު ކަމަށެވެ. އޭގެ ފަހުން އެއްވެސް މީހަކު އެ ގޮޅިއަށް ވަދެފައި ނުވާކަން ފޫޓޭޖުން ދައްކާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
އެ ފުޓޭޖުތައް ފުލުހުން ވަނީ މީޑިޔާއާ ހިއްސާކޮށްފައެވެ.
ސާމިހު ވިދާޅުވެފައިވަނީ ހުކުރު ދުވަހު ހެނދުނު 6:00 ހާއިރު ޕްރިޒަންސް އޮފިސަރުން އާންމު އުސޫލުން ގޮޅިތަކަށް ޒިޔާރާތް ކުރި ނަމަވެސް އެ ގޮޅިއަށް އޮފިސަރުން ވަދެފައި ނުވާ ކަމަށެވެ. އެއީ އޭނާ ނަމާދަށް ސަޖިދައިގައި އޮތްކަމަށް ދެކިގެން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ސާމިހު ވިދާޅުވިގޮތުގައި އެ ގޮޅީގެ ސީސީޓީވީ ފުޓޭޖުންވެސް ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައިވަނީ ހެނދުނު 7:43 ހާއިރެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ފެނިފައި ނުވާތީ އޮފިސަރުން ގޮޅިއަށް ވަނީ 11:34 ހާއިރު ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ސާމިހު ވިދާޅުވެފައިވަނީ ޖަމީލްގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ މަރުވެފައި އެގޮތަށް ގިނައިރު އޮތުމުގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށެވެ. އަދި ހަށިގަނޑުގެ ކުލަ ވެސް ބަދަލުވެފައިވަނީ ގިނައިރުވުމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެ އެވެ.
ޖަމީލު އޮތް ގޮޅި ބަލައި ފާސްކޮށް ތަހުގީގު ކުރި އިރު، އެ ގޮޅީން ފެނުނީ އޭނާ ސަޖިދައިގައި އޮތް ގޮތަށް މަރުވެފައި އޮތުމުން، އަނގައިންނާއި ނޭފަތުން ފައިބާފައިވާ ހޮޑުކަހަލަ ބާވަތެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް ޖިސްމާނީ އަނިޔާއެއްވާ ފަދަ އެއްވެސްކަމެއް ގޮޅިންވެސް ފާހަގަވެފައިނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެ ނިއުސްކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ޖަމީލް ވަޅުލުމުގެ ކަންތައް ކުރިއަށްގެންދިއުމަށް އޭނާގެ އާއިލާއަށް ހަށިގަނޑު ހަވާލުކުރީ ވެސް ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ޑޮކްޓަރުން ބުނުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު