ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކަމަށާއި އިގުތިސޯދު މިހާރުވެސް އޮތީ 2019 ވަނަ އަހަރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތެއްގައި ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު މި ހާލަތުގައި މިހާރުވެސް ދުޅަހެޔޮކޮށް މި އޮތީ ކޮވިޑުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކޮވިޑުގެ ތެރޭގައި ފިޔަވަޅުތައް އެޅީ މާލީ ހިސާބުޖެހުމަށްފަހު ފަހުން ކުރަންޖެހޭ ކަންކަންވެސް އެނގި ތިބެގެން ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމާ އިގުތިސޯދު މި އޮތީ ރަނގަޅު ހާލަތެއްގައި. ތިޔަ ބޭފުޅުންނަށް މި އުޅެނީ މާލީ ގޮންޖެހުންތައް މެނޭޖު ނުކުރެވިގެން،" އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިގުތިސޯދީ ފޯކާސްޓަކުތަކުން ރާއްޖޭގެ ހާލަތު ރަނގަޅު ކަމަށް ދައްކާއިރު، މި އަހަރަށް ދައުލަތުގެ ބަޖެޓް އެމްޑީޕީން ހުށަހެޅީ އިގުތިސާދީ އުފެއްދުންތެރިކަން 5.5 ޕަސެންޓް އިތުރުވާނެ ކަމަށް އަންދާޒާ ކޮށްގެން ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު 4.9 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުގެ މިސްޓޭކުތަކާއި އަދި މިދިޔަ ހަތް މަސް ދުވަސް ތެރޭގައި އިގުތިސާދު މެނޭޖުކުރުމާއި މާލީ ކަންކަން މެނޭޖުކުރުމުގައި ސަރުކާރުގެ ނާގާބިލުކަމުން ރާއްޖޭގެ އިގުތިސާދު އަދި މާލީ ކަންކަން ވެއްޓިފައި އޮތް ހާލަތު ފޮރުވުމަށް އޮޅުވާލަމުން މި ދަނީ،" އަމީރު ތުހުމަތު ކުރެއްވިއެވެ.