މާލޭގައި ހުރި ހުސްބިންތައް ވަގުތީ ޕާކިންތަކަށް ބަދަލުކުރުމަށް މާލެ ސިޓީކައުންސިލުން މަޝްވަރާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔާ އާދަމް އާޒިމް ވިދާޅުވީ މިވަގުތު ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ސިޓީކައުންސިލު ގުޅިގެން މާލޭގެ ޕާކިން މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން މަޝްވަރާކޮށް މަސައްކަތް ކުރާކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މާލޭގައި އޮންނަ ހުސްބިންތަކަކީ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނެވެ.

މިހާރު މާލޭގައި އުޅަނދުތައް ޕާކުކުރާ ގޮތުން އާންމުންނަށް ވަރަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

"ޕާކް ކޮށްފައި ހުންނަ ދިމާތަކުން، އުނދަގޫވާ ތަންތަނުން، އެބަ ޓޯކުރެވޭ. އެއާއި ވިދިގެން ރައްޔިތުންނަށްވެސް ދަތިތަކެއް އެބައާދޭ" އާޒިމް ވިދާޅުވިއެވެ.

"މިއީ ސަޖެސްޓުކޮށްފައި ހުރި ތަންތަން. މީގެ އިތުރުންވެސް ތަނެއް ހުރިއްޔާ އެލޮކޭޓުކޮށްލަން. މިވަގުތުވެސް އަޅުގަނޑުމެންނަށް ދީފަ ހުރި ބައެއް ބިންތައް، އިމާރާތް ކުރަން ދީފަ ހުރިތަންތައް އެބަހުރި. ޕްރޮޖެކްޓްސްތައްދީފަ ހުރި ތަންތަން އެބަހުރި. އެެހެންވީމަ އިމާރާތް ކުރުމަށް ފެށެންދެން ޕާކިންތައް ހެދުމަށް ތިޔަބޭފުޅުންގެ ހިޔާލަކާއެއްކޮށް ކުރިޔަށް ގެންދަން" އާޒިމް ވިދާޅުވިއެވެ.

އެ ތަންތަނަކީ ސިޓީ ކައުންސިލަށް ވަގުތީ ޕާކިން ހަދަން ލިބިފައި ހުރި ބައެއް ތަންތަން ކަމަށާއި އެ ތަންތަނުގައި އިމާރާތް ކުރަން ވަގުތު ޖެހުނީ މަ، ވަގުތީ ޕާކިންތައް ނަގައި އެ ބިންތައް އިމާރާތް ކުރަން ހަވާލުކޮށްފައި ހުރި މީހުންނާ އެ ބިންތައް ހަވާލުކުރާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"މިސާލަކަށް ބުނަންޏާ އައިޖީއެމްއެޗްކައިރީ ހުރި ތަނަކީވެސް އަޅުގަނޑުމެން ކޮންޓްރެކްޓުގެ ދަށުން ދީފަހުރި ތަނެއް ވަގުތީ ޕާކިންއަށް ދީފަ އެ އޮތީ. ހީނާމާ ޕާކިން އެއީވެސް ބަޔަކަށް ދީފަ އޮތްތަނެއް. ވަގުތީ ޕާކިންއަށް ދީފަ އޮތީ. މިގޮތަށް ހުރި ބައިވަރު ބިންތައް އެބަހުރި ވަގުތީ ޕާކިންއަށް ދީފަ" އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެ ނިންމުމަށް ކައުންސިލުގެ ބައެއް މެންބަރުންގެ ތާއީދު ނުލިބުމުން ވަނީ ލޭންޑް ކޮމިޓީއަށް އެ ކަމަށް ގޮތެއް ނިންމުމަށް ފޮނުވާލާފައެވެ.

2019 ވަނަ އަހަރުންފެށިގެން މާލެ ސިޓީކައުންސިލުން ނިންމާފައި އޮތީ މާލެތެރޭގައި ހުރި ސަހަރާތައް ނެގުމަށް ފަހު އެތަންތަނުގައި ޕާކިންއޭރިޔާތަކުގެ އިތުރުން ހިތްހަމަޖައްސާލުމަށް މަޑުކޮށްލާނެ ޕާކުތައް ހެދުމަށެވެ.