މިއަދަކީ އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވާ ދުވަހެވެ. މިއީ ހުސްވި މެއި މަހުގެ ނަވާރަވަނަ ދުވަހު ހެލިކޮޕްޓަރު ވެއްޓުމުގެ ހިތާމަވެރި ހާދިސާއެއްގައި ރައީސް އިބްރާހިމް ރައީސީ އަވަހާރަވެފައިވާތީ އެ މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ބާއްވާ އިންތިޚާބެކެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ޖުމްލަ ހަތަރު ކެންޑިޑޭޓުންނެވެ. ވާދަވެރިކަން އޮތީ އިސްލާހީ ފިކުރާއި ހަރުކަށި ފިކުރުގެ މެދުގައެވެ. އިސްލާހީ ފިކުރުގެ އެއް ކެންޑިޑޭޓެވެ. ހަރުކަށި ފިކުރުގެ ތިން ކެންޑިޑޭޓުންނެވެ. މި އިންތިޚާބަކީ ވަރަށް ޑިމޮކްރަޓިކް އިންތިޚާބެކެވެ. އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލާންވީއެވެ. މަޖުބޫރު ކުރުމެއް، އޮޅުވައިލުމެއް، މަކަރުހެދުމުގެ ބިރެއްނެތެވެ. އެކަމަކު ބައެއް މީހުންގެ ނަޒަރުގައި މިއީ ޑިމޮކްރަޓިކް އިންތިޚާބެއް ނޫނެވެ. މިގޮތަށް ބުނެ އަޑުފަތުރަނީ ހުޅަނގުގެ ގައުމުތަކުންނެވެ. ހުޅަނގުން ބޭނުންވަނީ އީރާނުގެ މުޅި ނިޒާމު ބަދަލު ކުރުމަށެވެ. ކަމުނުދަނީ ނިޒާމެވެ.

ނިޒާމަށް އިތުބާރުނެތްކަން ދެއްކުމަށްޓަކައި ވޯޓުލާން ނުކުންނަ މީހުން މަދުކުރުމަށް އެކިކަހަލަ ކެމްޕޭނުތައް ހިންގައެވެ. ކޮންމެ މީހަކު ހޮވުނަސް ވަކި ތަފާތެއްނެތޭ، ބާރުވެރިވަނީ މުއްލާއިންގެ ނިޒާމޭ ބުނެ މީސްތަކުން ނުނިކުންނާނޭހައި އުކުޅުތައް ދަނީ ބޭނުންކުރަމުންނެވެ. މިފަދަ ކެމްޕޭނުތަކުގެ ނަތީޖާވެސް ފެނެއެވެ. ފަހަކަށްއައިސް އީރާނުގެ އިންތިޚާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އަދަދުތައް މަދުވީމާ ބުނެއެވެ. ނިކަން ދެކޭށެވެ. ރައްޔިތުންގެ ގިނަ ބަޔަކު ވޯޓުލާކަށްވެސް ނުނިކުމެއެވެ. އެހެންވީމާ އިންތިޚާބުގެ ސައްހަކަމެއްވެސް ނެތެވެ. ކޮންމެއަކަސް އީރާނުގެ ހަތުރުންނަށް މިދެންނެވި މަގުން އިންތިޚާބުގެ ނަތީޖާ މުހިންމެއް ނޫނެވެ. ކޮންމެ މީހަކު ހޮވުނަސް ފަރުވާލެއްނެތެވެ. އެކިކަހަލަ ޕްރޮޕަގެންޑާތައް ފަތުރައިގެން ބޭނުންވަނީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކުރުމަށެވެ. އަމާޒަކީ އެއަދަދު ފަންސާސް އިންސައްތައަށްވުރެ ދަށްކުރުމެވެ. މިކަމަށްޓަކައި ނުފޮރުޅާކަށް އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ.

އީރާނުގެ ހަތުރުންގެ މިޒާތުގެ ރޭވުންތައް ނާކާމިޔާބުކޮށްލުމަށްޓަކައި އީރާނުންވެސް ކަންތައްތަކެއް ކުރެއެވެ. އެގޮތުން އެންމެ މުހިންމު އެއްކަމަކީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުކުރުމަށް ބާރުއަޅައި މީހުންނަށް ފަސޭހަވާނޭމަގުން ވޯޓުލުމުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބު ކުރުމެވެ. އަދި އެކި ކެންޑިޑޭޓުންގެ ކެމްޕޭނުގައިވެސް ވޯޓުލާން ވީހާވެސް ގިނަބަޔަކު ނުކުތުމަށް ހިތްވަރުދިނުމެވެ. މިކަމަށް އެކި ކެންޑިޑޭޓުންނާއި ސަރުކާރުން ދިން ހިތްވަރަށް ވިސްނާއިރު މިއަދުގެ އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ކުރީފަހަރަށްވުރެ އިތުރުވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. ވޯޓުފޮށިތައް ބަންދުކުރާ ގަޑި ނުވަތަ ވޯޓުލުމުގެ ގަޑި މެންދަމާ ހަމައަށް އިތުރު ކުރުމަކީވެސް ވޯޓުލާން މީސްތަކުން ނުކުތުމަށް ފަސޭހަކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ. އީރާނުގެ އިސްލާމީ އިންގިލާބަށް 45 އަހަރު ވެފައިވާއިރު މި މުއްދަތުގެ ތެރޭގައި ބޭއްވިފައިވާ އިންތިޚާބުތަކަށް މިވަގުތު ބަލައިލުންވެސް މުހިންމެވެ.

ރައްޔިތުންގެ ވެރިކަމެއްގައި ގޮތްނިންމާނީ ރައްޔިތުންނެވެ. ރައްޔިތުން ގޮތްނިންމަނީ ވޯޓުންނެވެ. އީރާނުގައި އޮތް ޚުދުމުޚުތާރު ރަސްކަން އިންގިލާބުކޮށް 1979 ގައި ގާއިމުކުރެވިފައިވަނީ ރައްޔިތުންގެ ވެރިކަމެކެވެ. ޖުމްހޫރީ ވެރިކަމެކެވެ. އެވެރިކަން ބައްޓަންކޮށް ތަރުތީބު ކުރެވިފައިވަނީ ރައްޔިތުން އަމިއްލައަށް ފަރުމާކޮށް ރައްޔިތުންގެ ވޯޓަކުން ބަލައިގެންފައިވާ ގާނޫނުއަސާސީ އަކުންނެވެ. އެހެންވީމާ އީރާނުގައި އިންތިޚާބަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ. ވަރަށްވެސް މިނިވަން އެއްޗެކެވެ. އިސްލާމީ އިންގިލާބަށް މިވީ 45 އަހަރުގެ ތެރޭގައި އާއްމު އިންތިޚާބުގެ ގިންތިއަށްފެތޭ ގައުމީ 41 އިންތިޚާބު މިހާތަނަށް ވަނީ ބޭއްވިފައެވެ. މާނައަކީ އެވްރެޖްގޮތެއްގައި ކޮންމެ އަހަރަކުވެސް ބޮޑު އެއް އިންތިޚާބު ބޭއްވިފައިވުމެވެ. ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބާއި ގައުމީ ކައުންސިލަށް މެންބަރުން ހޮވުމުގެ އިންތިޚާބާއި މިހެންގޮސް ގައުމީ ފެންވަރުގެ އެކި އިންތިޚާބުތަކެވެ.

އީރާނުގެ އިސްލާމީ އިންގިލާބުގެ ފުރަތަމަ އަހަރުވެސް ނުވަތަ އެ އިންގިލާބުގެ އެންމެ ޅަފަތުގައިވެސް ގައުމީ ތިން އިންތިޚާބެއް ބޭއްވިއެވެ. ވެރިކަމުގެ ނިޒާމު އިޚުތިޔާރު ކުރުމުގެ ވޯޓު ހިމެނޭގޮތުންނެވެ. ގައުމުގެ ރައީސާއި ރައްޔިތުންގެ މަންދޫބުން ހޮވުމުގެ ވޯޓުވެސް ހިމެނޭގޮތުންނެވެ. އެހެންވީމާ އީރާނަކީ އިންތިޚާބުތަކަށް ބީރައްޓެހި ޑިމޮކްރަޓިކް ނޫން ގައުމެކޭ ބުނަން އެއްވެސް ޖާގައެއް ނެތެވެ. އީރާނުގެ ރައްޔިތުން މިއަދު ވޯޓުލާން އެނިކުތީ 45 އަހަރުގެ ތެރޭގައި ގައުމީ 42 ވަނަ އިންތިޚާބުގައެވެ. މީގެތެރެއިން 15 އިންތިޚާބަކީ ރިޔާސީ އިންތިޚާބުތަކެވެ. މީގެތެރޭގައި ރައީސެއްގެ ދައުރު ހަމަވުމުގެ ކުރިން ރައީސް އަވަހާރަވެގެން އަވަސް އިންތިޚާބުގެ ގޮތުގައި ބޭއްވުނު ދެ އިންތިޚާބެއްވެސް ހިމެނެއެވެ. މިއަދުގެ އިންތިޚާބު ހިމެނެނީ އަވަސް އިންތިޚާބުތަކުގެ ތެރޭގައެވެ. މިކަންކަން މިހެންހުރީމާ އިންތިޚާބު ބޯއިކޮޓްކޮށް، ވޯޓުލާން ނުނިކުމެ، މަށަށް ވަރިހަމައޭ ބުނަން ރައްޔިތުންނަށް ފުރުސަތު އޮތްކަމަށް ގަބޫލެއް ނުކުރެވެއެވެ.

ކުރީގައިވެސް ބަޔާން ކުރެވުނުފަދައިން މިއަދުގެ އިންތިޚާބުގައި ވާދަކުރައްވަނީ ޖުމްލަ ހަތަރު ކެންޑިޑޭޓުންނެވެ. އެންމެ ފުރަތަމަ މި ލިސްޓުގައި ހިމެނުނު ހަ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ވަނީ ރޭހުން ވަކިވެވަޑައިގެންފައެވެ. މި ރޭހުގައި ވާދަކުރައްވާ އެއްބޭފުޅަކީ ޕާލަމަންޓުގެ މިހާރުގެ ސްޕީކަރު މުހައްމަދު ބާގިރު ގަލީބާފެވެ. ވަރަށް ގިނަ ބައެއްގެ ނަޒަރުގައި އިންތިޚާބުން ކުރިހޯއްދަވާނީ އޭނާއެވެ. ގަލީބާފާއި އެންމެ ބޮޑަށް ވާދަކުރައްވާނޭ ކަމަށް ބެލެވޭ ބޭފުޅަކީ މެދުމިން ސިޔާސަތެއް ގެންގުޅުއްވާ ކުރީގެ ހެލްތު މިނިސްޓަރު މަސްއޫދު ޕަޒިޝްކިއާނެވެ. ކޮންޒަރވެޓިވް ފިކުރުގެ މީހުންގެ ވޯޓު ތިންބަޔަކަށް ބެހިގެންދާނެތީ އެއްބުރުން އިންތިޚާބު ނުނިމޭނެ ކަމަށްވެސް ވަނީ އަންދާޒާ ކުރެވިފައެވެ. އެހެންވެއްޖެނަމަ އެންމެ ގިނަ ވޯޓު ހޯއްދަވާ ދެބޭފުޅެއްގެ މެދުގައި ދެން އޮންނާނީ ދެވަނަ ބުރެކެވެ. ދެވަނަ ބުރެއްގައި ޑރ. ޕަޒިޝްކިއާނާއި ގަލީބާފް ވާދަކުރައްވައިފިނަމަ ކުރިހޯއްދެވުންގާތީ ގަލީބާފެވެ. ކޮންޒަރވެޓިވް ފިކުރުގެ އެންމެންވެސް އޭނާގެ ފަހަތަށް އަރާނޭކަމަށް ހީކުރެވެއެވެ.