ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

އެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި މިއަދު ހަވީރެވެ.

ހުޅުމާލޭ ފޭސްދޭއްގައި 19،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ އެ މަޝްރޫއުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގެ އިރުއުތުރު ކަންމަތީގައި ތަރައްގީ ކުރާ އެ ސަރަހައްދުގައި މަތީ ފަންތީގެ ތިން ބާވަތެއްގެ ގެދޮރު ތަރައްގީ ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްގީކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެމަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ތިން އަހަރުގެ މުއްދަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޕްރިމިއަމް ވިލާ މަޝްރޫއު އެޗްޑީސީން ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 13ގައެވެ.

"އަސޭރިއާ" ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ މި ޕްރިމިއަމް ވިލާތަކަކީ އެންމެ ލަގްޒަރީ ފެންވަރުގެ ހައުސިން ޔުނިޓް ތަކެކެވެ. އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އަސޭރިއާ މަޝްރޫއަކީ ހުޅުމާލެއަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ.

މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫއުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް, ޑުޕްލެކްސް ޓައުންހައުސް ތައާރަފު ކުރާނެއެވެ. ކޮންމެ ހައުސިން ޔުނިޓެއްގައި 2000 އަކަފޫޓު ހުންނައިރު ކޮންމެ އިމާރާތެއް ހުންނަނީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް 1200 އަކަފޫޓުގެ ޖާގައެއް ލިބޭނެހެން ފަރުމާ ކޮށްފައެވެ.

މީގެ އިތުރުން، ސެމީ ގާޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަހުޑް، ރެސިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ހިދުމަތްތަކާއި އެކްލޫސިވްކޮށް ލެޕް ޕޫލް، ޕޫލް ހައުސްގެ އިތުރުން ވެލްނެސް ސެންޓަރަކާއި ރިކްރިއޭޝަން ސެންޓަރެއް ވެސް ހުންނާނެ އެވެ. މަލްޓި ޕާޕަސް އިވެންޓް ހޯލަކާއި ކޮމާޝަލް ކޮމްޕްލެކްސްގެ ހިދުމަތްވެސް އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫއާ އެކު ލަގްޒަރީ ލިވިންގް ތައާރަފުވުމުގެ އިތުރުން 100 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. ހުޅުމާލެއަށާއި ރާއްޖެއަށް އިގުތިސާދީ އަދި އިޖުތިމާއީ ގިނަ ފައިދާތައް މި މަޝްރޫއުގެ ދަށުންކުރާނެއެވެ.