ޔޫއޭއީގެ ހުކުރު ނަމާދު 10 މިނެޓަށް ކުރުކުރުމަށް އަންގައިފިއެވެ.

އެކުވެރި އަރަބި އިމާރާތުގެ ޖެނެރަލް އޮތޯރިޓީ ފޯ އިސްލާމިކް އެފެއާޒުން ވަނީ އެ ގައުމަށް އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ހުކުރު ކުރުކުރުމަށް ނިންމާފައެވެ.

އެ އިދާރާއިން ވަނީ އެ ނިންމުން ނިންމާފައިވަނީ އަންނަ އޮކްޓޯބަރުގެ ނިޔަލަށް ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެ ނިންމުން ނިންމާފައި ވަނީ އަޅުކަން ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ޔޫއޭއީގެ މޫސުމާބެހޭ އިދާރާއިން ވަނީ އިރުވައިގެ ހޫނު ގަލްފު ހިމެނޭ ސަރަހައްދަށް ކުރަން ފަށާފައިވާއިރު އެ ގައުމުގެ ހޫނުމިން 40 ޑިގްރީން މައްޗަށް އަރާނެ ކަމަށް ބެެލެވޭ ކަމަށް ބުނެފައެވެ. ބައެއް ސަރަހައްދުތަކަށް 50 ޑިގްރީއަށް ހޫނުމިން އިތުރުވެދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.