ދައުލަތުގެ މަސް ކުންފުނި، މިފްކޯއަށް ކަނޑުމަސް ގަންނަ އަގު މިހާރަށްވުރެ ދަށް ކުރަން ނިންމައިފިއެވެ.

މަސް ގަންނަ އަގު ދަށް ކުރަން ނިންމާފައި މިވަނީ، އަގު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން ގޮވާލައްވާފައި ވަނިކޮށެވެ.

އެ މެންބަރުން އެކަމަށް ގޮވައިލެއްވީ މަސްވެރިން ކިރުވި މަހަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދޭ ކަމަށް ބުނެ އައްޑޫ މަސްވެރިން ކުރިއަށްގެންދާ މުޒާހަރާއާ ގުޅިގެން، ވަގުތުން ވަގުތަށް މަސްވެރިނަށް ފައިސާ ދިނުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައެވެ.

ކުރިއަށް އޮތް ތަނުގައި މަސް ގަންނަ އަގު ކުޑަކުރާނެކަން ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އެ ކޮމިޓީއަށް ފޮނުވާފައިވާ ކަރުދާހެއްގައި މިފްކޯއަށް މިހާރު މަސް ގަންނަމުންދާ އަގު މުރާޖައާ ކުރާނެކަން އަންގާފައިވާ ކަމަށެވެ.

އެގޮތުން އަންނަ ޖުލައި މަހުގެ 26 އިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު މުރާޖައާކުރަން އެ ކަރުދާހުގައި ހިމަނާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިފްކޯއަށް މިހާރު ކަޅުބިލަ މަސް ގަންނަނީ ކިލޯއެއް 25 ރުފިޔާގެ މަގުންނެވެ. އެ އަދަދަށް އަގު ޖެއްސީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.