ރާއްޖެއިން އަލަށް ފެނުނު މެނިންގޯކޮކަލް ބަލި ފެތުރެމުން ނުދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ސިއްހީ ހިދުމަތްތެރީންނާއި އާންމު ރައްޔިތުންގެ ގަޔަށް މެނިންގޯކޮކަލް ވެކްސިން ޖަހަންޖެހޭ ފަދަ ހާލަތެއް ނެތް ނަމަވެސް އުމްރާއާއި ހައްޖުގެ އަޅުކަމަށްދާ މީހުންނާއި މެނިންގޯކޮކަލް ބަލި އާންމުކޮށް ފެތުރޭ ގައުމުތަކަށް ދަތުރުކުރާ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން އެ ވެކްސިން ފުރިހަމަކުރަން އެދޭ ކަމަށެވެ.
މެނިންގޯކޮކަލް ބަލި މި ފަހުން ރާއްޖެއިން ފެނުނީ، މި ފަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި އެނބުރި އައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، މުހައްމަދު އާރިފް (ބަކާ) ގައިންނެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.
އެކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ވަނީ ބަކާއާ ކޮންޓެކްޓްވި 46 މީހަކު ދެނެގަނެ، އެ މީހުންނަށް ބޭސް ދޭން ފަށައިފައެވެ.
މެނިންގޯކޮކަލް ޖެހުމުން އަވަހަށް ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށްވެސް ނުރައްކާވެއެވެ. އެ ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. އެ ބަލީގެ އަލާމާތްތައް ބަލި ޖެހޭތާ އެއް ދުވަހާ ދިހަ ދުވަހާ ދެމެދު ފެނެއެވެ.
މެނިންގޯކޮކަލް ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، ގަދައަށް ހުން އައުމާއި އަބަދު ވަރުބަލިވެފައި ނުވަތަ ވަރުދެރަވެފައި ހުރުމާއި ބޮލުގައި ރިއްސުމާއި ގަދަ އައްޔަށް ބަލަން އުނދަގޫވުމާއި ބޯއެނބުރުމާއި ބޭރަށް ހިންގުމާއި އަތްތިލައާއި ދެފައިތިލަ ފިނުމާއި މާ ބޮޑަށް ނިދިއައުން ފަދަ އަލާމާތްތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު