ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް އީގައި މިރޭ ކުޅުނު މެޗުގައި ރުމޭނިއާއާއި ސްލޮވޭކިއާ 1-1 އިން އެއްވަރުވެއްޖެއެވެ.
ފްރޭންކްފާޓްގައި މިރޭ ރުމޭނިއާ ހޯދި ޕޮއިންޓާއެކު އެޓީމަށް ގްރޫޕް އީގެ އެއްވަނަ ޔަގީންވެފައިވާ އިރު، ޔުކްރެއިން ގްރޫޕްގެ ފުލަށް ގޮސް ވަނީ ކަޓައިފައެވެ.
މިރޭގެ މެޗަށް ނުކުތް، ސްލޮވާކިއާއަށް އޮތީ ބަލިނުވުމެވެ. އެޓީމަށް ބަލިނުވެ، ޕޮއިންޓަކާއެކުވެސް ގަދަ 16 ޔަގީން ކުރެވެން އޮތެވެ. އެޓީމަށް މޮޅަކާއެކު ގްރޫޕް އެއްވަނައަށް ޖެހިލުމަށްވެސް ފުރުސަތު އޮތެވެ. އަނެއްކޮޅުން ނުކުތް ރުމޭނިއާއަށްވެސް އޮތީ ގަދަ 16 ޔަގީންކުރަން ފުރުސަތު ބޮޑުކޮށެވެ. ރުމޭނިއާއަށްވެސް މިރޭގެ މެޗުން ބޭނުންވެފައި އޮތީ ޕޮއިންޓެކެވެ. ރުމޭނިއާ ކަޓާނެ ހަމައެކަނި ހާލަތަކީ މިރޭގެ މެޗުން ބަލިވެ، ޔުކްރެއިން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެކަންޏެވެ.
ދެޓީމުންވެސް ނުކުތީ ތާރީހީ ނަތީޖާތަކަކަށެވެ. ހާއްސަކޮށް ރުމޭނިއާއަށް މިފަހަރުގެ ގަދަ 16 ޔަގީން ކުރެވިއްޖެނަމަ، އެއީ ޒަމާންވީ ކާމިޔާބީއަކަށްވާނެއެވެ. އެންމެފަހުން ރުމޭނިއާއިން ގަދަ 16 އަށް ގޮސްފައިވަނީ 2000 ވަނަ އަހަރުއެވެ. އެފަހަރު ރުމޭނިއާއިން ވަނީ ޔޫރޯގެ ކުއާޓާ ފައިނަލްގައި ކުޅުމުގެ ޝަރަފު ހޯދައިފައެވެ. އޭގެފަހުން ދެ ޔޫރޯއިން ރުމޭނިއާއަށް ފުރުސަތު ލިބުނު ނަމަވެސް، އެޓީމަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ، ރުމޭނިއާއިން އުފެއްދި އިރު، އަންދްރޭއާ ރާޓިއު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ މަތަކުރީ ސްލޮވޭކިއާގެ ކީޕަރު މާޓިން ޑުބްރާވްކާއެވެ. އެ ބޯޅައިގައި ރީބައުންސް ހަމަލާ އިއާނިސް ހާގީ ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.
އޭގެފަހުން ސްލޮވޭކިއާއިން މެޗުގައި ނުރައްކާ ކުރަން ފަށައި، 24 ވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. ޖޫރާޖް ކުކްކާ މަތިމަތިން އޭރިއާ ތެރެއަށް ނަގައިގެން ހުރަސް، ބޮލުން ގޯލަށް ވައްދާލައި ސްލޮވޭކިއާއަށް ލީޑު ނަގައިދިނީ އޮންޑްރޭޖް ޑޫޑާއެވެ. އެ ވަގުތު ގްރޫޕް އީގައި ބެލްޖިއަމާއި ޔުކްރެއިން ކުޅެމުން ދިޔަ މެޗު ގޯލެއް ނުޖެހި އޮތުމުން ސްލޮވާކިއާ އެއްވަނައަށް ޖެހިލިއެވެ.
އޭގެ އިރުކޮޅެއްފަހުން ރުމޭނިއާއިން މެޗުގެ ނަތީޖާ އެއްވަރުކޮށް، އެޓީމުން ތާވަލުގެ އެއްވަނައަށް ޖެހިލިއެވެ. އެޓީމުން ގޯލު ޖެހީ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޑޭވިޑް ހެންކޯ، ހާގީއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ޕެނަލްޓީ ދިނީ މިނެޓެއްހާއިރު ވީއޭއާރް ބެލުމަށްފަހުއެވެ. ރެފްރީ ވީއޭއާރް ބެލީ އޭރިއާ ބޭރުން ފައުލް ކުރިކަމަށް ފުރަތަމަ ނިންމިފައި އޮތުމުންނެވެ. ފަހުން އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. ޕެނަލްޓީގައި ރުމޭނިއާއަށް އެއްވަރު ކޮށްދިނީ ރަޒްވާން މަރިންނެވެ.
މެޗުގެ ދެވަނަ ހާފު ދާދި ހަމަހަމަކޮށް ފެނުނު އިރު، ސްލޮވޭކިއާގެ ހަމަލާތައް ފެނުނީ މާ ބޮޑަށް ނުރައްކާތެރި ކޮށެވެ. ހަރާސްލިން އަރިމަތިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ މަތަކުރީ ރުމޭނިއާގެ ގޯލްކީޕަރު ފްލޯރިން ނީޓާއެވެ. އަދި އޭނާގެ ކާވް ޝޮޓެއް ގޯލުގެ އަރިމަތީ ދަނޑިކައިރިންވެސް ބޭރަށް ދިޔައެވެ.
ޔުކްރެއިންގެ މަސައްކަތްވެސް ހާފުގައި ވަކި ދެރައެއް ނޫނެވެ. މަރިން ފޮނުވާލި ބޯޅަ ޑުބްރާވްކާ ޕަންޗުކޮށްލުމުން، އެ އެޓޭކް ތެރެއިން އޭރިއާ ބޭރުން ޑްރަގޫސް ފޮނުވާލި ބާރު ހަމަލާ ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށެވެ. މެޗު ކުޅެމުން ދިޔަ ވަގުތު ފްރޭންކްފާޓް ދަނޑަށް ވާރޭ ވެހެމުން ދިއުމާއެކު އެކަމުގެ އުނދަގޫ ދެޓީމަށްވެސް ވަނީ ފޯރައިފައެވެ.
މެޗުގެ ފަހުކޮޅުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، މިރޭގެ ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނަ ލިބުނީ ރުމޭނިއާއަށެވެ. އެއީ ތިން މެެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. މިރޭ ޔުކްރޭން ކައިރީ އެއްވަރުވި ބެލްޖިއަމަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ފައިދާ ގޯލުގެ ފަރަގުން ލިބުނީ ދެވަނައެވެ. ތިންވަނައިގައި އޮތް ސްލޮވޭކިއާއާއި ހަތަރު ވަނައިގައި އޮތް ޔުކްރެއިނަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތަފާތަކީ ފައިދާ ގޯލެވެ. ސްލޮވޭކިއާއަށް ގަދަ 16 ލިބެނީ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގައި ހިމެނޭނެކަން ޔަގީންވުމުންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024