މާލޭގައި 50 އަށްވުރެ ގިނަ ޑްރަގް އައްޑާ އޮޕަރޭޓް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑްރަގް އައްޑާތަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިހުސާން ވިދާޅުވީ، ސަރުކާރުގެ ބައެއް އިމާރާތްތަކާއި އާންމު ފަރާތްތަކުގެ އިމާރާތްތަކުގެ އިތުރުން ފަޅުގެތަކުގައިވެސް ޑްރަގް އައްޑާ ހިންގަމުންދާ ކަމަށެވެ. އަދި އެތަންތަނުގެ ވީޑިއޯތައް ނަގައި އެސެސްމެންޓެއް ހަދާފައިވާއިރު ސަރުކާރުގެ ތިން ޓަނެއްގައި ޑްރަގް އައްޑާ ހިންގާތީ އެ ތަންތަން ތަޅާލަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ޑްރަގް އައްޑާ ހިންގާ އަމިއްލަ މީހުންގެ ތަންތަނުގެ ވެރިންގެ ފަރާތުން ހުއްދަ ހޯދައިގެން އެ ތަންތަން ބަންދުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.