މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭން، ރޭއްވެވީ، އެއިރު އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެނގިވަޑައިގަންނަވާތީ ކަމަށް އެ ދެ ޕާޓީ ހިންގުމާ އޭރު ހަވާލުވެހުންނެވި، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި، ރައީސްގެ ހާއްސަ މުޝީރުކަންވެސް ކުރެއްވި އަބްދުއްރަހީމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައިނުގަންނަވާ ހިސާބުން އެހެން ބޭފުޅަކަށް ފުރުސަތު ނުދެއްވާނެ ކަން އޭރުވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޕާޓީ މަގުމަތިވިޔަ ނުދެއްވުމަކީ އެއިރުވެސް ވިސްނުން ކަމަށް ވިދާޅުވިއެވެ.

"ދެން މިބުނަނީ އަޅުގަނޑު ރާވައިގެން، މާ ކުރިން މުއިއްޒަށް ބައިއަތު ހިފައިގެން މުއިއްޒަށް ޓިކެޓް ދިނިއްޔޭ. މާކުރިން ރޭވީމޭ، ކީއްވެ ރޭވީ؟ އަޅުގަނޑަށް ރައީސް ޔާމީނު އެނގޭތީ ރޭވީ. އަޅުގަނޑަށް އެނގެޔޭ އެމަނިކުފާނަށް ކުރިމަތިނުލެވެންޏާ އަޅުގަނޑުމެން ޕާޓީން ވެރިކަމަށް ކުރިމަތިލާން ފުރުސަތު ނުދެއްވާނެކަން،" އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވަނީ، ސްޕްރީމް ކޯޓުގެ ނިންމުމާ އެކު ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގެ ފުރުސަތު ގެއްލިވަޑައިގަތުމުން އެހެން ބައެއް ބޭފުޅުން ނެރުއްވަން އެ މަނިކުފާނު މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރައްވައިފައެވެ. ނަމަވެސް ވަކި ބޭފުޅެއްގެ ނަމެއް އަބުދުއްރަހީމް ވިދާޅެއް ނުވެއެވެ.

"އެހެންވެ އެ ދުވަހު ހެނދުނު ނުވައެއް ޖެހި އިރު ވަޑައިގެން މުއިއްޒުގެ ނަމުގައި އަޅުގަނޑުމެން ފޯމު ވެއްދީ،" އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް ރާއްޖޭގެ ސިޔާސީ ތާރީހުގައި ދެން ޕީޕީއެމް/ޕީއެންސީއާ ވާދައެއް ނުކުރެއްވޭނެ ކަމަށާއި އެއަށް ވުރެ އެ ޕާޓީތައް ވަރުގަދަ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު މި ދެންނެވީ ފިނި ކޮޓަރީގައި ގޭގައި ތިއްބަވައިގެން ބައިކިލޯ ހަމަނުވާ ދެ ތިން މީހުން ނެރެގެން އަޅުގަނޑުމެންނާ ބެހެން ނުހަދާށޭ، އަޅުގަނޑުމެންނާ ނުބެހެވޭނެޔޭ، އެއަށްވުރެ މާ ހިތްވަރުގަދަވާނެއޭ އަޅުގަނޑުމެން،" އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް މިހާރު އެންމެ ރަނގަޅު ވާނީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމު ކުރެއްވުން ކަމަށެވެ.