ޔޫއެފާ ޔޫރޯ 2024 ގައި މިރޭ ސްކޮޓްލޭންޑާއި ހަންގޭރީ ވާދަކުރި މެޗު ހަންގޭރީން ކާމިޔާބު ކޮށްފިއެވެ.
މިރޭ ސްޓަޓްގާޓުގައި ކުޅުނު މެޗުގައި ހަންގޭރީން ފަހު ސިކުންތުގައި ގޯލު ޖަހައިގެން ސްކޮޓްލޭންޑް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ހަންގޭރީއަށް ގްރޫޕް ސްޓޭޖުގެ ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެހެންކަމުން އެޓީމު ނިންމާލީ ގްރޫޕް އޭގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި އެންމެ ރަނގަޅު ތިންވަނަ ޓީމުތަކުގައި ހިމެނުމަށް ވަނީ ފުރުސަތު ލިބިފައެވެ. ސްކޮޓްލޭންޑް ތިން މެޗުން އެއް ޕޮއިންޓާއެކު ފުލުގައި އޮތް އިރު، އެޓީމު ޖެހުނީ ކަޓައިގެން ގެޔަށް ދާށެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ދެޓީމަށްވެސް އޮތީ ފަސޭހަ ހާލަތެއް ނޫނެވެ. ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމަށް ހަންގޭރީއަށް ފުރުސަތު ނެތް އިރު، ސްކޮޓްލޭންޑް ޖެހުނީ ސްވިޒަލޭންޑްގެ ނަތީޖާއަށް ބަރޯސާ ވާށެވެ. އެހެން ނަމަވެސް، ސްކޮޓްލޭންޑަށް މިރޭގެ މެޗުން މޮޅުވެގެން އަނެއް ބުރަށް ދާން އުންމީދު ހޯދެން އޮތެވެ. އަދި ހަންގޭރީއަށް އޮތް ހަނި ފުރުސަތުވެސް ހޯދެން އޮތީ ސްކޮޓްލޭންޑް ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގައި ސްކޮޓްލޭންޑުން މެޗު ޑޮމިނޭޓް ކުރިއެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓީމުން ކުޅެމުންދިޔަ އިރު، ހަންގޭރީ ތިބީ އެގޮތަށް ބޯޅަ ހިފަހައްޓައިގެން ޕާސް ޖަހައިގެން ކުޅެން ދޫކޮށްލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ފެނުނީ ވަރަށް ބޮޑަށް ބަންދުވެފައި އޮތް ހާފެއްގެ ގޮތުގައެވެ. ދެ ޓީމުންވެސް ބޮޑަށް ސަމާލުކަން ދިނީ ޑިފެންސަށެވެ. ޓީމުގެ އެތުރުން ދޫކޮށް ނުލުމަށެވެ.
މެޗުގެ ފުރަތަމަ 30 އަކަށް މިނެޓުގައިވެސް ފެނުނީ އެންމެ ހަމަލާއެކެވެ. އެއީ އަށްވަނަ މިނެޓުގައި ދުރުން ބެންޑެގޫޒް ބޯލާ އުފެއްދި ހަމަލާއެކެވެ. އޭނާ ދުރުން ތިރިން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ސްކޮޓްލޭންޑްގެ ގޯލްކީޕަރު އަންގުސް ގުންއެވެ.
އޭގެފަހުން ދެޓީމުންވެސް މަސައްކަތް ކުރީ ސެޓް ޕީސްތަކުން ނުރައްކާ ކުރުމަށެވެ. ހިލޭ ޖެހުންތަކުން ރަނގަޅު ހުރަހެއް ނެގޭތޯ މަސައްކަތް ކުރި ނަމަވެސް، އެކަންވެސް މާ ބޮޑަށް ކާމިޔާބެއް ނުވިއެވެ. އޭގެފަހުން މެޗުގެ ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކޮށް، ހަމަލާއެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް ހާފުގެ ފަހުކޮޅަށް ގޮސް، ހަންގޭރީން ނުރައްކާ ކުރިއެވެ.
އެގޮތުން މެޗުގެ 41 ވަނަ މިނެޓުގައި ޑޮމިނިކް ސޮބޮސްލާއީ ނަގައިދިން ހިލޭ ޖެހުމަކަށް އަރައި، މުޅިން ހުސްކޮށް އޮވެ، ވިލީ އޯބާން ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައިެވެ. އެހެން ނަމަވެސް، އޭނާ އެ ބޯޅަ ގޯލަށް ވައްދާލި ނަމަވެސް އޮފްސައިޑް ވާނެ ކަމަށް ބެލެވެއެވެ.
ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސޮބޮސްލާއީ ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ.
ދެވަނަ ހާފުގައި ސްކޮޓްލޭންޑް ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރި ނަމަވެސް، އެޓީމަށް ހަމަލާތައް އުފެއްދުނީ މަދުންނެވެ. މެޗުގައި އެޓީމުން އުފެއްދި ފުރަތަމަ ހަމަލާ، 53 ވަނަ މިނެޓުގައި ފެނިގެން ދިޔަ އިރު، އަރިމަތިިން ބޯޅަ ހިފައިގެން ކުރިއަށް ޖެހި، އޭރިއާ ބޭރުން ޗޭ އެޑަމްސް ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ.
އޭގެފަހުން އަނެއްކާވެސް ހަންގޭރީން ދިޔައީ މަޑުމަޑުން ފުރުސަތުތައް ހޯދަމުންނެވެ. ސަލާއީގެ ހަމަލާއެއް ބްލޮކްވި އިރު، މާޓޮން ޑާޑާއީ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެފަހުން މެޗު ދާދި ހަމަހަމަކޮށް ދިޔަ އިރު، 68 ވަނަ މިނެޓުގައި ހަންގޭރީގެ ބާނަބާސް ވާގާއަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ.
ސޮބޮސްލާއީ ނަގައިދިން ހިލޭ ޖެހުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ސްކޮޓްލޭންޑްގެ ކީޕަރު ގުން ގައިގައި ޖެހި ވާގާއަށް އަނިޔާވެ އޭނާ ދަނޑު މައްޗަށް ވެއްޓުނީ ބެލެވޭ ގޮތުގައި ހޭނިތިގެންނެވެ. އެ މަންޒަރާއެކު ރެފްރީގެ އެންގުމަށް އޭނާއަށް ވަނީ އެމަޖެންސީގައި ފަރުވާ ދީފައެވެ. ގިނަ އިރުތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު، ވާގާ އަށިގަނޑުގައި ބޭލީ ވަށައިގެން ފޮތި ދަމައިގެންނެވެ. އެއީ ފައުލެއްތޯ ބަލަން ވީއޭއާރް އިން ޗެކު ކުރި ނަމަވެސް، ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށެވެ. އެހެންވެ ޕެނަލްޓީއެއް ނުދެއެވެ.
އޭގެފަހުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހަންގޭރީން ފުރުސަތުތައް ގިނަ ކުރިއެވެ. 92 ވަނަ މިނެޓުގައި ހަންގޭރީގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެންވެސް ދިޔައެވެ. ސޮބޮސްލާއީ އަރިމަތިން ފޮނުވާލި ހަމަލާ ކީޕަރު ގުން މަތަކުރި އިރު، އޭގެ ފަހުން ބަދަލަކަށް އެރި ކެވިން ސޮބޮތު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
މެޗުގައި ހަންގޭރީން ގޯލު ޖެހީ ފަހު ސިކުންތުގައެވެ. ކައުންޓާ އެޓޭކެއްގައި ސަލާއީ ނަގައިދިން ބޯޅަ ގޯލަށް ވައްދާލައި، ގައުމުގެ ތާރީހީ ގޯލު ޖަހައިދިނީ ސޮބޮތެވެ. މޮޅު ގޯލާއެކު މުޅި ޓީމު އުފާފާޅުކުރިއެވެ. ސަޕޯޓަރުން ކެކިގެން ދިޔައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024