އިންޑިއާގައި ދޫނިރޯގާ ފެތުރޭތީ، ސްރީ ލަންކާ އެލާޓަށް ގެނައުމަށް ދުނިޔޭގެ ސިއްހަތާ ބެހޭ މައި އިދާރާ، ޑަބްލިއުއެޗްއޯއިން އަންގައިފިއެވެ.

ދޫނި ރޯގާ ނުވަތަ އޭވިއަން އިންފްލުއެންޒާ އަކީ އެކިބާވަތުގެ ދޫނިތަކުން ފެންނަން ފެށި ބައްޔެކެވެ. ނަމަވެސް އިންސާނުންގެ ހަށިގަނޑުންވެސް އެބަލި ފެނި އެކަމުގެ ނުރައްކާ ވަނީ ބޮޑު ވެފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ އިންޑިއާއިން އިންސާނެއްގެ ހަށިގަނޑުން ދޫނި ރޯގާ ފެނިފައިވާ ކަމަށާއި މިއީ އެގައުމުން ފެނުނު ދެވަނަ ކޭސް ކަން ފާހަގަކޮށްފައެވެ.

މިދިޔަ މަހު އޮސްޓްރޭލިއާއިން ވެސް ވަނީ އިންޑިއާއަށް ދަތުރު ކުރި އެ ގައުމުގެ ކުޑަކުއްޖެއްގެ ހަށިގަނޑުން ދޫނި ރޯގާގެ އަސަރު ފެނި ރިޕޯޓު ކޮށްފައި ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯއިން ލަންކާއަށް އެލާޓް ވުމަށް އަންގާފައިވާ އިރު، އެ ގައުމުން އެކަމުގައި އަޅާނެ ފިޔަވަޅަކާ މެދު އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމައި އާންމުކޮށްފައެއް ނުވެއެވެ.