ސަރުކާރުގެ މަސް ކުންފުނި، ކަމަށްވާ މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށް ބުނެ، އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި އައްޑޫގެ މަސްވެރިން ކުރަމުންދާ އިހުތިޖާޖު ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު 12 ޖަހަންދެން ކުރިއަށް ގެންދިޔަ މި މުޒާހަރާއާ ގުޅިގެން އެކްސްގައި މިނިސްޓަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ސަރުކާރުން ދަނީ އެ އިހުތިޖާޖުގައި ހިމެނޭ މަސްވެރިންގެ އަޑުއަހަމުން ކަމަށާއި އެކަމުގައި މިފްކޯ އާއި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް އެ ފަރާތްތަކާ ހިއްސާކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ މަސްވެރިން އިހުތިޖާޖު ފެށީ އިއްޔެ ހަވީރުއެވެ. އެކަމާ ގުޅިގެން މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންދަނީ 80 ވަރަކަށް މަސްވެރިން ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އެމީހުންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވާން ޖެހޭނެ ކަމަށްވެސް އެމީހުން ޑީމާންޑް ކުރަމުންދެއެވެ.

އެކަމާބެހޭގޮތުން އެމީހުންނާ ވާހަކަ ދައްކަން ކަމާގުޅޭ އިސް ބޭފުޅަކު އެމީހުންގެ ގާތަށް ވަޑައިގަތުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

އެމީހުންގެ ގޮވާލުންތަކަށް އެކަށީގެންވާ ޖަވާބެއް ނުދޭނަމަ، ހުރިހާ ސްޓާފުން ވެސް ފެކްޓްރީން ބޭރުކޮށްލާނެ ކަމަށާއި ބަދިގޭގައި ކައްކަން ހުރަސް އަޅާނެ ކަމަށް ވެސް އޭގެ ތެރެއިން ބައެއް މީހުން އިންޒާރުދިނެވެ.

އޭގެ ތެރޭގައި ހިމެނޭ އަނެއްބަޔަކު ބުނީ އެމީހުންގެ އިހުތިޖާޖަކީ ހައްގު ހޯދަން ކުރާ އިހުތިޖާޖެއް ކަމަށެވެ. އަދި އެއީ ސަރުކާރާއި ނުވަތަ ފުލުހުންނާ ކުރިމަތިލާން ކުރާކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

ކިރުވި މަހަށް ފައިސާ ނުލިބޭތާ ތިން މަސް ދުވަސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކަރަންޓު ބިލު ދެއްކޭނެފަދައެއްނެތި ދަރަނިވެރިވެ، އާއިލާތައް ބިކަވެފައިވާ ކަމަށްވެސް އެމީހުން ބުންޏެވެ.