މިފަހަރުގެ ހައްޖުގައި އެންމެ ބޮޑު އިސްކަމެއް ދިނީ، ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރާއްކާތެރިކަން ކަށަވަރުކުރުމަށް ކަމަށާއި އަދިވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ހައްޖުގެ ކަންތައްތައް ކުރިއަށް ދިޔަގޮތް ފާހަ ކުރައްވައި، މީޑިއާއާ ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ހައްޖަށް ގެންދިޔަ ދެވަނަ ފަހަރު ކަމަށެވެ.

އެހެންކަމުން އަމިއްލަ ކޮންޓްރޯލުން ބޭރުން އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ މިފަދަ ކަމެއްގައި ކިތައްމެ ފުރިހަމަކުރަން އުޅުނަސް އުނި ކަންކަން ހުންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިފަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކާތެރިކަމަށް. ހާޖީއަކު ތަބީއީ މަރަކުން މަރުވި. މައްޔިތާއަށް ރަޙުމަތް ލައްވާށި. އެންމެހައި ހާޖީންނަށް މަބްރޫރު ހައްޖަކަށް އެދެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިފަހަރަކީ އެންމެ ހައްޖު ކޯޕަރޭޝަނުން އެންމެ ގިނަ މީހުން ހައްޖަށްގެންދިޔަ ފަހަރު ކަމަށްވެފައި ހައްޖުގެ އިމްތިޒާމްތައް ހަމަޖައްސާފައިވާ ގޮތުގެ ފުރިހަކަމަކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވެފައި ވަނީ ﷲ ގެ ރަހުމަތުން ހައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.

"ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފަ. އިންޝާ ﷲ އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިފަހަރު ހާޖީނަށް ދިން ހިދުމަތުގެ ފެންވަރު ރަނގަޅުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ހައްޖާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ކެއުމާއި ބަލި މީހުންނަށް މަތީ ދަރަޖައިގެ ސިއްހީ ހިދުމަތް ފޯރުކޮށް ދެވުނު ކަމަށެވެ. މީގެ އިތުރުން ހައްޖު މިޝަންގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ބަލި މީހުން ހިމެނޭހެން ހުރިހާ އެންމެންވެސް އަރަފާތައް ގެންދެވުނުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ޑައިލެލިސް ހަދާ ފަރާތަކާއި ކެންސަރު ފަރުވާ ނަގާ ބައެއް ބޭފުޅުން، ހިތުގެ ބަލި ހުންނަ ބައެއް ބޭފުޅުން ހާޖީންގެ ތެރޭގައި ތިބި. އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު. އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު. މަގު އޮޅުނު 100 އެއް ހާ ހާޖީން ޑިވައިޒްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުނު. އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނު. ވީލްޗެއާގައި ގިނަ އަދަދެއްގެ ހާޖީން އުޅުނު. އެންމެނަށް އެހީތެރިކަން ދެވުނު. އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަމުގައި ރަސްމީ ކޯޓާގެ އިތުރުން ހާއްސަ ކޯޓާ ހިމެނޭހެން 1150 މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔައެވެ. މިނިސްޓަރު ވަނީ އެކަމުގައި އެހީތެރިވެ ދެއްވި އެންމެނަށް ޝުކުރު އަދާކުރައްވައިފައެވެ.