ދުނިޔެއާ އެންމެ ދުރުގައިވާ ޖައްވީ އުޅަނދު ''ވޮއޭޖާ 1'' އިން ސިގްނަލް ލިބެން ފަށައިފިއެވެ.

ނާސާއިން ވަނީ ދުނިޔެއާ 15 ބިލިއަން މޭލު ދުރުގައި ހަރަކާތްތެރިވާ އުޅަނދު ''ވޮއޭޖާ 1'' އިން ޑޭޓާ ލިބެން ފަށާފައިވާ ކަމަށް ބުނެފައެވެ.

ނާސާގެ ''ވޮއޭޖާ 1'' ޓީމުން ވަނީ ނޮވެމްބަރަށްފަހު އެ އުޅަނދުގެ ގުޅުން ކެނޑުނު ނަމަވެސް ކޮމާންޑު ދީގެން އެމައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ނާސާއިން ބުނީ އުޅަނދު ދަތުރުކުރަމުން އަންނަ ދުރުމިނުގެ ސަބަބުންނާއި އެސަރަހައްދުގެ މެގްނެޓިކް ބާރު ހުރިގޮތުން ކޮމާންޑު ދަތުރުކުރުމުގައި ގިނަ ދުވަސް ނަގާ ކަމަށެވެ.

''ވޮއޭޖާ 1'' އިން ފޮނުވާފައިވާ ޑޭޓާގައި އެ އުޅަނދުން ދިރާސާކޮށްފައިވާ ޖައްވުގައި ދައުރުވާ ރޭޑިއޭޝަން ތަކާއިި މެގްނެޓިކް ފީލްޑްގެ އިތުރުން ޖައްވުގެ އެހިސާބުގައި ހުންނަ މައުދަން ތަކުގެ މައުލޫމާތު ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.