ޓެކްސް ނުދައްކައިގެން މިދިޔަ އަހަރުގެ ތެރޭގައި 200 އަށްވުރެ ގިނަ ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒްކޮށް 90 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޓް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާ އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ނޯޓިސް ދިނުމުންވެސް ޓެކްސް ފައިސާ ނުދެއްކި 285 ފަރާތެއްގެ އެކައުންޓް ވަނީ މިދިޔަ އަހަރު ފްރީޒްކޮށްފައެވެ. އެ އެކައުންޓްތައް ފްރީޒްކޮށްގެން 90.3 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށްވެސް ބުންޏެވެ.
ޓެކްސް ނުދައްކައިގެން މިދިޔަ އަހަރު 17،054 ފަރާތަކަށް މީރާ އިން ފިޔަވަޅު އެޅިއިރު، އެ ފިޔަވަޅުތަކުގެ ސަބަބުން ޓެކްސްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ އިން 3.9 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މީރާ އިން ބުންޏެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ޓެކްސް ނުދައްކާ ފަރާތްތަކަށް އެންމެ ގިނައިން އެޅި ފިޔަވަޅަކީ ޓެކްސް ދައްކަން ނޯޓިސް ފޮނުވުމެވެ. އެގޮތުން ނުދައްކާ ހުރި ޓެކްސްގެ ފައިސާ ދައްކަން އަންގައި 10،013 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ.
މީރާ އިން ބުނީ، އެ ފަރާތްތަކަށް ނޯޓިސް ފޮނުވުމުގެ ސަބަބުން 2.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ޓެކްސްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ 6،234 ފަރާތަކުން އަމިއްލަ އިސްނެގުމުގައި މިދިޔަ އަހަރު މީރާއަށް ދައްކާފައިވާ ކަމަށާއި އެއީ 1.4 ބިލިއަން ރުފިޔާ ކަމަށްވެސް ބުންޏެވެ.
މީރާ އިން ބުނީ އެ އިދާރާ އިން ގެންގުޅޭ ނޭމް އެންޑް ޝޭމް ސިޔާސަތުގެ ދަށުން 473 ފަރާތަކުން ނުދައްކާ ހުރި 259.5 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށެވެ. އަދި ޓެކްސް ދެއްކުމަށް ގުޅައި އީމެއިލް މެދުވެރިކޮށް ކުރެވުނު މުއާމަލާތްތަކުން 32 ފަރާތަކުން 3.4 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށްވެސް ބުންޏެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓެކްސް ގޮތުގައި ނުދައްކާ ހުރި ފައިސާ ހޯދުމަށް 20 ފަރާތެއްގެ މައްސަލަ ކޯޓަށް ވަނީ ހުށަހަޅައިފައެވެ. އެގޮތުން ކޯޓު މަރުހަލާގެ ތެރެއިން ޓެކްސްގެ ގޮތުގައި 335،429 ރުފިޔާ ލިބިފައިވާއިރު، ޓެކްސްގެ ނުދައްކާ ހުރި ފަރާތްތަކުގެ ތެރެއިން 795 ފަރާތަކަށް ފައިސާ ބަހާލައިގެން ދައްކަން މުޅިން އަލަށް ފުރުސަތު ދީފައިވާނެ ކަމަށް ބުނެފައިވެއެވެ. އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދަކީ 1.9 ބިލިއަން ރުފިޔާއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި