މިއަހަރުގެ ޖޫން ސާދައިން ޖުލައި ސާދައަށް ބޭއްވޭ ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތަކީ ސަތާރަވަނަ ޔޫރޯއެވެ. ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ބާއްވާ މި މުބާރާތް މިފަހަރު ކުޅޭނީ ޖަރުމަންވިލާތުގައެވެ. މިއީ ޔޫރޯގެ މެޗުތައް ޖަރުމަންވިލާތުގައި ކުޅެވޭ ތިންވަނަ ފަހަރެވެ. ދެ ޖަރުމަނީ އެއްކޮށްލުމުގެ ކުރިން 1988 ވަނަ އަހަރުގެ ޔޫރޯ ބޭއްވުނީ ހުޅަނގު ޖަރުމަނީގައެވެ. އެންމެފަހުން މީގެ ހަތަރު އަހަރު ކުރިން ޔޫރޯގެ މެޗުތައް ބާރަ ގައުމެއްގައި ކުޅުނުއިރު އޭގެތެރެއިން ހަތަރު މެޗު ކުޅެވުނީވެސް ޖަރުމަންވިލާތުގެ މިއުނިކުގައެވެ. ކުރީ ދެފަހަރާ މިފަހަރު ވަރަށް ތަފާތެވެ. މިއީ ދެ ޖަރުމަނީ އެއްކޮށްލިފަހުން މުޅި ޔޫރޯ ޖަރުމަންވިލާތުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.
ކުރީގެ އިރުމަތީ ޖަރުމަނީއަށް ނިސްބަތްވި ސިޓީއެއްގައި ޔޫރޯގެ މެޗުތަކެއް ކުޅެވޭވެސް މިއީ ފުރަތަމަ ފަހަރެވެ. އެ ސިޓީއަކީ ލައިޕްޒިގެވެ. މިފަހަރުގެ މުބާރާތް ޖަރުމަންވިލާތުގައި ބޭއްވުމަށް ޔޫރަޕުގެ ފުޓްބޯޅަޔާ ބެހޭ މައިއިދާރާ ޔުއޭފާއިން ނިންމީ އެކަމަށް އެދި ކުރިމަތިލި ދެ ގައުމުގެ ތެރެއިން ވަކިބަޔަކު ކަނޑައެޅުމަށް ނެގި ސިއްރު ވޯޓަކުންނެވެ. ދެން ކުރިމަތިލި އަނެއް ގައުމަކީ ތުރުކީވިލާތެވެ. ޔުއޭފާގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި ތުރުކީވިލާތަށް ހަތަރު ވޯޓު ލިބުނުއިރު ޖަރުމަންވިލާތަށް ބާރަ ވޯޓު ލިބުނެވެ. އެގޮތުން ޖަރުމަންވިލާތުގައި މުބާރާތް ބާއްވަން ނިންމައި އެކަން އިއުލާންކުރީ 27 ސެޕްޓެމްބަރު 2018 ގައެވެ.
މުބާރާތް ބޭއްވުމުގެ ޝަރުތުތަކުގެ ތެރޭގައި އެންމެ ކުޑަވެގެންވެސް ތިރީސް ހާސް މީހުންގެ ޖާގައިގެ ދިހަ ސްޓޭޑިއަމް ހުންނާންޖެހެއެވެ. އައު ސްޓޭޑިއަމްތަކެއް ބިނާނުކޮށްވެސް މި ޝަރުތު ޖަރުމަންވިލާތުގައި ފުރިހަމަވެ އިތުރުވެސްވެއެވެ. ޔުއޭފާއިން ސެލެކްޓްކުރި ދިހަ ސްޓޭޑިއަމްގެ ތެރެއިން ނުވަ ސްޓޭޑިއަމަކީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބޭނުންކުރި ސްޓޭޑިއަމްތަކެވެ. އެއީ ބާލިން، ޑޯޓްމުންޑް،މިއުނިކް، ކޮލޯން، ސްޓުޓްގާޓް، ހަމްބާގް، ލައިޕްޒިގް، ފްރެންކްފަޓް، އަދި ގެލްސެންކާޝެންގެ ސްޓޭޑިއަމްތަކެވެ. އިތުރު ސްޓޭޑިއަމަކީ ޑުސަޑޯފްގެ ސްޓޭޑިއަމެވެ. އެއީ 1974 ގެ ވޯލްޑްކަޕާއި 1988 ގެ ޔޫރޯގައި ބޭނުން ކުރެވުނު ސްޓޭޑިއަމެކެވެ.
މިފަހަރުގެ ޔޫރޯގައި ވާދަކުރާ ސައުވީސް ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ޖަރުމަންވިލާތުގައި ވަކި ބޭސް ކޭމްޕަކާއި ވަކި ޓްރޭނިން ގްރައުންޑެއް ހަމަޖެހިފައިވެއެވެ. ގާތްގަޑަކަށް 85 މިލިއަން މީހުންގެ އާބާދީއަކާއެކު ޖަރުމަންވިލާތަކީ ހުޅަނގު ޔޫރަޕުގެ އެންމެ ބައިބޯ ގައުމެވެ. އަދި އެ ސަރަހައްދުގެ އެންމެ މުއްސަނދި ގައުމުވެސްމެއެވެ. އެހެންވީމާ ޔޫރޯގެ ކޮންމެ މެޗެއްގައިވެސް ސްޓޭޑިއަމް ފުރާލާނެއެވެ. ފައިސާގެ ގޮތުން މިއީ އެންމެ ނަފާބޮޑު ޔޫރޯއަށްވެސް ވާނެއެވެ. މުބާރާތް ކުޅެވޭނެ ދިހަ ސްޓޭޑިއަމް ކަނޑައެޅިއިރު ބަލާފައިވަނީ އާބާދީ އެންމެ ބޮޑު ސަރަހައްދުތަކަށެވެ. އެގޮތުން އެންމެ ގިނަ ސްޓޭޑިއަމް ހޮވީ ރައިން ވާދީގެ ތެރެއިންނެވެ. އެހިސާބުން ހަތަރު ސްޓޭޑިއަމެއް ސެލެކްޓްކޮށްފައިވެއެވެ.
ޔޫރޯ 2024 ގެ މެޗުތައް ޖާރމަނީގެ ޖުމްލަ ދިހަ ސިޓީއެއްގައި ކުޅެވޭއިރު މި ސިޓީތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރު ކުރުމަށް ދިހަ އެއަރޕޯޓެއް ވަނީ ޚާއްސަ ކުރެވިފައެވެ. އެއީ ސްޓުޓްގާރޓް، މިއުނިކް، ލައިޕްޒިގް، ހެމްބޯގް، ގެލްސެންކާރޝެން، ޑުސަޑޯފް، ފްރެންކްފަޓް، ޑޯޓްމުންޑް، ކޮލޯން، އަދި ބާލިންގެ އެއަރޕޯޓެވެ. މިދެންނެވި އެއަރޕޯޓްތަކުގެ އިތުރަށް ޔޫރަޕުގެ އެކި ކަންކޮޅުތަކުން ޖާރމަނީއަށް އެއްގަމުން އައިސްގޮސްވުމަށް މިއިން ކޮންމެ ސިޓީއެއްގައި އެތައް ރޭލްސްޓޭޝަނެއްވެއެވެ. ޖާރމަނީއަކީ ޔޫރަޕުގައި އެންމެ ޒަމާނީ އެންމެ ފަސޭހަ އަދި އެންމެ ފުޅާ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވާރކެއް ގާއިމްކުރެވިފައިވާ ގައުމެވެ.
ޔޫރޯގެ މެޗުތައް ބެލުމަށްޓަކައި ދިވެހިރާއްޖެއިން ޖާރމަނީއަށްދާ ބަޔަކަށް އެންމެ މުހިންމުވާނެ އެއްސިޓީއަކީ ބާރލިންއެވެ. އެއީ ޖާރމަނީގެ ވެރިރަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ހަނދާންތަކާއި އާސާރުތަކާއި އެންމެ ބޮޑަށް ގުޅިފައިވާ ސިޓީއަކީ އެއީއެވެ. ރާއްޖެއިން ޖާރމަނީއަށް އައިސްގޮސްވުމަށް ގިނަ ބަޔަކަށް ފަސޭހަވާނެ އޮތީ މައިގަނޑު ތިން އެއަރލައިނެކެވެ. ގަތަރު އެއަރވޭޒް، އެމިރޭޓްސް އަދި ޓާރކިޝް އެއަރލައިނެވެ. މީގެތެރެއިން އެންމެ ކުޑަކޮށް ޔޫރޯއަށްޓަކައި ފެއަރ ތައާރަފުކޮށްފައިވާ އެއަރލައިނަކީ ޓާރކިޝް އެއަރލައިނެވެ.
ރާއްޖެއަށް ޓޫރިސްޓުން އުފުލާ ޗާޓަރު ބޯޓުތަކުން ދިވެހީންނަށް އައިސްގޮސްވުމުގެ މަގުވެސް އޮތީ ހުޅުވިފައެވެ. އޭގެތެރޭގައި ޖާރމަނީގެ ބައެއް އެއަރލައިންތައް ހިމެނެއެވެ. ޖާރމަނީން ސީދާ ރާއްޖެއަށް ދަތުރުކުރާތާ އެންމެ ދުވަސްވީ ޗާޓަރު އެއަރލައިނަކީ ޖާރމަނީގެ ކޮންޑޯއެވެ. މިއިން ކޮންމެ އެއްޗަކުންވެސް ދެކޮޅު ޓިކެޓް އެއްހާސް ޔޫރޯއަށްވުރެ ބޮޑުނޫން އަގެއްގައި ލިބޭނެއެވެ. އަދި ޖާރމަނީގެ ކޮންމެ ސިޓީއެއްގައިވެސް ރެއަކަށް 70 ޔޫރޯއަށްވުރެ ބޮޑު ނޫން އަގެއްގައި ހުރެވޭނެއެވެ. ޕެކޭޖެއް ނަގައިގެން ޓްރަވެލް އެޖެންޓަކާ ގުޅިގެން ދަތުރުކުރާކަމަށް ވަންޏާ މިއަށްވުރެވެސް ޚަރަދުކުޑަކޮށް މިކަން ކުރެވޭނެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024